2025 ގައި އަލަށް މިލިޔަނަރުންނަށްވި މީހުންގެ ޢަދަދު މިލިޔަނަކަށް

ފާއިތުވި އަހަރުތަކާ އަޅައިބަލާއިރު 2025 ވަނަ އަހަރު އަމިއްލަ ފަރުދުންގެ މުއްސަނދިކަން ހަލުވިމިނެއްގައި އިތުރުވެ، ދުނިޔޭގެ އެކި ޤައުމުތަކުގައި އަލަށް އެއް މިލިއަނާ ގާތްކުރާ ޢަދަދެއްގެ މީހުން އެމެރިކާ ޑޮލަރުގެ ނިސްބަތުން މިލިއަނަރުންނަށް ވެފައިވާކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ، ސްވިޓްޒަލެންޑުގެ ބޭންކެއް ކަމުގައިވާ ޔޫބީއެސްއިން ނެރުނު 'ގްލޯބަލް ވެލްތު ރިޕޯޓު' ގައެވެ.
މާލީ ބާޒާރުތަކަށް ލިބުނު ބޮޑު ކުރިއެރުމާއެކު، ފާއިތުވި އަހަރު މުޅި ދުނިޔޭގައި ފަރުދުންގެ މުއްސަނދިކަން %10.8 އިތުރުވެފައިވާ ކަމުގައި ޔޫބީއެސްގެ ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ، 2024 ވަނަ އަހަރު %4.6 ގައި، އަދި 2023 ވަނަ އަހަރު %4.2 ގައި ހުރުމަށްފަހު އައި ވަރަށް ހަލުވި ކުރިއެރުމެއް ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓު އެކުލަވައިލުމުގައި އެ ބޭންކުން ވަނީ މުޅި ދުނިޔޭގެ މުއްސަނދިކަމުގެ %92 އަށްވުރެ ބޮޑު ބައެއް ތަމްސީލުކުރާ 56 ބާޒާރެއް ދިރާސާކޮށްފައެވެ.
ޔޫބީއެސްއިން ބުނީ، 2025 ވަނަ އަހަރަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް، ކުރިން ނުފެންނަހާ ގިނަ ޢަދަދަކަށް އައު މިލިޔަނަރުން އުފެދުނު އަހަރެއް ކަމުގައެވެ. މި ބޮޑު ކުރިއެރުމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޙިއްޞާކުރަނީ އެމެރިކާއިން ކަމުގައި އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެ ޤައުމުން އެކަނި ވެސް 440,000 އަށްވުރެ ގިނަ މީހުން ވަނީ އަލަށް އެމެރިކާ ޑޮލަރުގެ ނިސްބަތުން މިލިޔަނަރުންނަށް ވެފައެވެ. މީގެ އިތުރުން، ޔޫރޯއާ އަޅައިބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ފާއިތުވި އަހަރު ދަށްވުމުގެ ސަބަބުން، ވިލާތުގެ ޤައުމުތަކުގައި ޑޮލަރުގެ ނިސްބަތުން މީހުންގެ މުއްސަނދިކަން ވަނީ އާދަޔާ ޚިލާފަށް ހަލުވިކަމާއެކު އިތުރުވެގެން ގޮސްފައެވެ.
ދުނިޔޭގެ ފެންވަރުގައި މީހުންގެ މުއްސަނދިކަމުގެ އެވުރެޖު މިންވަރު މަތިވި ނަމަވެސް، 2020 ވަނަ އަހަރަށްފަހު މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައިވާ ފަރަޤު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަން ވެސް ޔޫބީއެސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ގޮތުން، ގިނަ ޤައުމުތަކުގައި މެދުމިނުގެ އާމްދަނީ ލިބޭ ޢާންމު ރައްޔިތުންގެ މުއްސަނދިކަން ދަށްވެފައިވާ ކަން ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. ޔޫބީއެސްއިން ބުނީ، މިއީ އެންމެ މުއްސަނދިންނާއި ޢާންމު ރައްޔިތުންނާ ދެމެދު އޮތް ފަރަޤު އިތުރަށް ބޮޑުވަމުންދާ ކަން ވަރަށް ސާފުކޮށް ހާމަކޮށްދޭ ތަފާސްހިސާބެއް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ