މޭރީ މަރާލި މައްސަލައިގައި ލަމްހާ 15 އަހަރަށް ޖަލަށް
އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި، މޭރީގެ ފިރިމީހާ ފިލިޕީންސްގެ މާވިން އެސްވައިގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ. ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން މާވިން ހައްޔަރު ކުރީ އެ މަހުގެ 27 ވަނަ ދުވަހެވެ. އަދި ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހެވެ. އެ މައްސަލައިގައި މޭރީ މަރާލި ކަމަށް މާވިންގެ މައްޗަށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. ލަމްހާގެ މައްޗަށް ސާބިތުވީ މޭރީ މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެހެންވެ، މިއަދު އޭނާއަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. މޭރީ މަރާލުމުގުގައި ބައިވެރިވިކަމުގެ ކުށް ލަމްހާގެ މައްޗަށް ސާބިތުވީ އޭނާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން ހުށަހެޅި ފަހުންނެވެ. އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނިގެންވެސް ދައުލަތުން ހެކި ހުށަހެޅިއެވެ. https://sun.mv/223714 ލަމްހާގެ ދިފާއުގައި ލަމްހާގެ ފަރާތުން ހުށަހެޅީ 11 މީހުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ އަލީ ޝާން އާއި ޑެޕިއުޓީ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް އާއި މޭރީގެ ޕޯސްޓްމޯޓަމް ހެދި ބޭރުގެ ދެ ޑޮކްޓަރުންނާއި ލަމްހާ ދިރިއުޅުނު ގޭގެ ބައެއް މީހުން ހިމެނެއެވެ. އަދި ތަހުގީގަށް ލަމްހާ އުޅުނު ގެ ފާސްކުރި ދެ ފުލުހަކާއި ނޫހެއްގައި ޝާއިއުކުރި އިންޓަވިއުއަކާ ގުޅިގެން ނޫސްވެރިއަކާއި އިތުރު މީހަކު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ