ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާ ކުރައްވަނީ
ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ރިޓަޔާކުރައްވަން ނިންމެވުމާ އެކު، ވަލްޑެމާ ފެރަޑާޒް އެ ކުންފުނީގެ ސީއީއޯގެ މަގާމަށް މިއަދު އައްޔަންކޮށްފި އެވެ.އިސްމާއިލް ރިޓަޔާކުރަން ނިންމެވުމާ ގުޅިގެން, ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް ވަނީ ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ގުޅިވަޑައިގެންފަ އެވެ. އެ މަގާމަކީ ދިރާގުގެ މައި ހިއްސާދާރު ކަމަށްވާ ބިޔޯންއިން އައްޔަންކުރާ މަގާމެކެވެ. އަދި އާ ސީއީއޯ އައްޔަން ކުރުމުގެ މަސައްކަތް ބިޔޮން އިން ކުރިއަށް ގެންދިޔައީ ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ދިރާގު 1988 ވަނަ އަހަރު އުފެދުނުއިރު އޮތް ޓީމުގައި އިސްމާޢިލް ހިމެނިވަޑައިގަންނަވައެވެ. ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި އިސްމާޢިލްގެ ކެރިއަރު ފެއްޓެވީ ކޭބަލް އެންޑް ވަޔަލެސްގައެވެ. އިސްމާޢީލްގެ ފަޚުރުވެރި އަދި ކުލަގަދަ ކެރިއަރުގައި އެ ބޭފުޅާވަނީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތައް ކުރައްވާފަ އެވެ. މިގޮތުން، ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިޞާދުގެ ބިންގާ އެޅުއްވުމަށް އިސްމާޢީލް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.އިސްމާއީލްގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ގުޅުވާލަދިން ނެޓްވޯކް ރޯލްއައުޓް ޕްރޮގްރާމް ލީޑުކޮށް އެ މަޝްރޫއު ކާމިޔާބުކަމާއެކު ހާސިލުކުރެއްވުމާއި، ރާއްޖޭގައި ޖީ.އެސް.އެމް މޯބައިލް ޚިދުމަތް ތައާރަފުކުރުން ހިމެނެއެވެ. އަދި 2006 ވަނަ އަހަރު ދިރާގު-އެސް.އެލް.ޓީ ސަބްމެރީން ކޭބަލް ސިސްޓަމް އެޅުމާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި ޑޮމެސްޓިކް ސަބްމެރީން ކޭބަލް ގާއިމްކޮށް، އެ ނެޓްވޯކް ތަރައްގީކޮށް ދިރާގުގެ މިއަދުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައިބަދަ ގާއިމުކުރުމުގައި އޭނާ އިސް ރޯލެއް އަދާކުރެއްވި އެވެ.މީގެ އިތުރުން 2011 ވަނަ އަހަރު ދިރާގުން ކުރިއަށް ގެންދިޔަ އައިޕީއޯގައި ރާއްޖޭގެ އަދި ބައިނަލްއަގްވާމީ އިދާރީ އަދި ރީޓެއިލް އިންވެސްޓަރުންނަށް އޮފަރިން މާކެޓްކޮށް، މެނޭޖް ކުރުމުގައި އިސް ދައުރެއް އިސްމާއިލް އަދާ ކުރެއްވި އެވެ. އަދި 2015 ވަނަ އަހަރު ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭނާ އައްޔަން ކުރުމާއެކު، ދިރާގަށް ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް އޭނާ ވަނީ ގެނެސް ދެއްވައިފަ އެވެ.އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓް ފައިބާ-ޓު-ދަ-ހޯމް (އެފްޓީޓީއެޗް) ކަވަރެޖް ވަނީ ކާމިޔާބުކަމާއެކު ފޯރުކޮށްދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ