މޭރީގެ މަރުގެ މައްސަލަ: ލަމްހާއަށް 15 އަހަރުގެ ޖަލު ޙުކުމެއް

އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުންދިޔަ ޕިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސްވައިގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.
މި މައްސަލާގައި، ލަމްހާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. ދައުލަތުން ބުނެފައިވަނީ، މާވިން އާއި ލަމްހާ ލޯބީގެގޮތުން ގުޅިގެން އުޅެފައިވާކަމަށާއި އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ މާވިން ކަމަށާއި އަދި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީކަމަށް ބުނެ އެކަން ރިޕޯޓްކުރީ މާވިން ކަމަށެވެ.
މި މައްސަލާގައި މާވިންއާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ޖޫން މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކަނޑައެޅުމަށްފަހު، މިއަދު ވަނީ އަދަބު ކަނޑައެޅާފައެވެ. އެގޮތުން، މާވިންގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި 4 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެކެވެ. އެއީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށަށް 15 އަހަރާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށަށް 3 މަސް އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށަށް 1 މަހާއި 15 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، ބަންދުގެ މުއްދަތު ކެނޑުމުން ދެން ޖަލުގައި ހުންނަން ޖެހޭނީ 11 އަހަރާއި ބައެވެ.
މީގެއިތުރުން، އޭނާގެ މަންމައަކީ އެކަނި ދިރިއުޅޭ މީހެއްކަމަށާއި އޭނާއަކީ ތަޢުލީމީ މީހަކަށްވާތީ ކުދިންނަށް ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހެއް ކަމަށް ބުނެ، ޖަލު އަދަބުގެ ބަދަލުގައި ގޭބަންދަށް ބަދަލުކުރުން ނުވަތަ މުޖުތަމަޢަށް ޚިދުމަތްކުރުންފަދަ އަދަބަކަށް ނުވަތަ ޤާނޫނީ ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް ލަމްހާގެ ފަރާތުން މިއަދު ކޯޓުގައި އެދުނެވެ. އެގޮތުން، ކުށުގެ އަދަބާ އަޅާބަލާއިރު ލަމްހާ ވަނީ މިހާރުވެސް ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިކަމަށާއި އެ މުއްދަތަށް ބަލާއިރު ޖަލު އަދަބު ބަދަލުކޮށްދިނުމަށް އެދުމުގެ ފުރުސަތު އެބައޮތްކަމަށާއި ޖަލުގައި އިތުރަށް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫންކަން ލަމްހާގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް، ޖަލު އަަދަބު ނޫން އަދަބަކަށް ބަދަލުކުރަން ދައުލަތުން ވަނީ ދެކޮޅު ހަދާފައެވެ. ހަމައެއާއެކު، މައްސަލަ ބެއްލެވި ޤާޒީ މުޒައްމިލް ނާސިރު ވިދާޅުވީ، އެފަދަ އަދަބެއް ކަނޑައަޅަންޖެހޭ ހާލަތެއްވެސް އަދި އަދަބު ލުއިކުރަންޖެހޭ ހާލަތެއްވެސް ނެތްކަމަށެވެ. މި މައްސަލާގައި، ލަމްހާގެ މައްޗަށް 15 އަހަރުގެ ޖަލު ޙުކުމެއް ކަނޑައެޅީ ދައުލަތުން އެދުނު ގޮތަށް ކުށުގެ ދަރަޖަތައް މަތިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ