ރާއްޖޭގައި ފުޅާ ދާއިރާގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ރަޝީދު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.
އިސްމާއިލް ރިޓަޔާ ކުރައްވަނ ރާއްޖެއަށް އެކި ދާއިރާތަކުން 40 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ. އޭނާ ރިޓަޔާ ކުރައްވާތީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި މިއަދުން ފެށިގެން ވަލްޑެމާ ފެރަޑާޒް ހަމަޖައްސާފައިވާ ކަމަށް ދިރާގުން ވަނީ ހާމަކޮށްފަ އެވެ.
ވާލްޑޭއަކީ ސައުތު އެފްރިކާގެ ރައްޔިތެކެވެ. އޭނާ ދިރާގާ ގުޅުނީ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ސާވިސަސް ލީޑަޝިޕް ތަޖުރިބާއާއެކު އެވެ.
"ވަލްޑޭ ވަނީ ތަރައްގީވެފައިވާ މާކެޓުތަކާއި ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޓެލެކޮމް ވިޔަފާރިތައް ބިނާކުރުމާއި، ކުރިއެރުވުމާއި، އަދި ޒަމާނީ ބަދަލުތައް ގެނައުމުގައި ނަމޫނާ ދައްކަވައި، މި ދާއިރާގައި ޝަރަފުވެރި ކެރިއަރެއް ބިނާކުރައްވައިފައި،" ދިރާގުން ބުނެފައިވެ އެވެ.
ސަރުކާރުން 1988 ވަނަ އަހަރު ދިރާގު އުފެއްދިއިރު އެ ކުންފުނީގައި އޮތް ޓީމުގައި އިސްމާއިލް ހިމެނިވަޑައިގަތެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް އަދި ޑިޖިޓަލް ކަނެކްޓިވިޓީގެ ތަރައްގީއާ ގުޅޭ މުހިންމު ގިނަ މަސައްކަތްތަކެއް އިސްމާއިލް ވަނީ ކުރައްވާފަ އެވެ.
"ދިވެހިރާއްޖޭގެ ކޮމިއުނިކޭޝަންސް އުދަރެސް ބަދަލުކުރަނިވި މަޝްރޫއުތައް ލީޑުކުރެއްވުމާއި، މިއަދުގެ ޑިޖިޓަލް އިގްތިޞާދުގެ ބިންގާ އެޅުއްވުމަށް އިސްމާޢީލް މުހިންމު ދައުރެއް އަދާކުރެއްވި،" ދިރާގުން ބުނެފައިވެ އެވެ.
މި އިންތިގާލީ މަރުހަލާގައި އިސްމާޢިލް އާއެކު ވާލްޑޭ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން އިސްކަންދޭ ކަންތައްތަކާއި، ކުރުމަށް ކަނޑައަޅައިފައިވާ ކަންކަމާއި، ދިގު މުއްދަތުގެ މިސްރާބަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރިޓަޔާކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ