ސިނގިރޭޓު އަގުހެޔޮކުރާ ބިލު މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓު މިހާރު ވިއްކާ އަގަށްވުރެ 50 ޕަސެންޓު އަގުހެޔޮވާނެ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހު ކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބިލު މަޖިލީހުން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ. 
ސަރުކާރުން އިމްޕޯޓް އެކްސްޕޯޓް ގާނޫނު އިސްލާހުކުރަން ހުށަހެޅީ ސިނގިރޭޓުން ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް ކުޑަ ކުރުމާއެކު ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އަށް ރިޔާއިން ހަތަރު ރުފިޔާއަށް ކުޑަ ކުޑަ ކުރުމަށެވެ.
ސިނގިރޭޓުން ނަގާ ސްޕެސިފިކް ޑިއުޓީ އިން އެ ހެޔޮވަނީ 50 ޕަސެންޓެވެ. އަދި ދެން ނަގާ ޑިއުޓީ އިން އެ ހެޔޮވަނީ 40 ޕަސެންޓެވެ. އެހެންކަމުން މުޅި ޖުމްލަ ސިނގިރޭޓުން ނަގަމުން އައި ޑިއުޓީ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ކުޑަވާނެ އެވެ.
އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، އިސްލާހާ އެއްގޮތަށް ގަވާއިދުތައް އިސްލާހު ކުރަން ޖެހެ އެވެ. އެހެންކަމުން ބިލު ފާސްވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިނގިރޭޓު އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ.
އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ކުޑަ ކުރަން ވެސް އެ އިސްލާހުގައި ހިމަނައިފައިވެ އެވެ. އެފަދަ ބާވަތްތަކުގެ ހެޔޮ ކުރަނީ ސިނގިރޭޓާ އެއްވަރަކަށެވެ. މިހާރު ވެސް ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުން ޑިއުޓީ ނަގަނީ ސިނގިރޭޓާ އެއްވަރަކަށެވެ. 
ދުންފަތުން ނަގާ ޑިއުޓީ ކުޑަ ކުރުމުގެ ވާހަކަ ސަރުކާރުން ހާމަކުރީ ޖޫން 6، ގައި ބޭއްވި ބައި-އިލެކްޝަންއާ ދިމާކޮށެވެ. އެ ވާހަކަ އިއުލާނު ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. އެކަމަކު ސަރުކާރުން ބުނަނީ ދުންފަތުގެ އަގު ހެޔޮ ކުރަނީ ޑަބްލިއުއެޗްއޯއިން ލަފައެއް ލިބިގެން ކަމަށެވެ. 
ސަރުކާރުން ސިނގިރޭޓުގެ ޓެކްސް ބޮޑު ކުރުމުން ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ