އިދިކޮޅުން ”ބޮޑު ބަދަލު“ގެ ނަމުގައި ވާހަކަތަކެއް ދައްކާއިރު ސަރުކާރުން ދަނީ ނަތީޖާއާއެކު ބޮޑެތި ބަދަލުތައް ގެންނަމުންކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގައި މޯލްޑިވްސް 2.0ގެ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އަދި މި ސަރުކާރުން ގެންދަނީ ދުރު ވިސްނޭ ސިޔާސަތްތަކެއްގެ ދަށުން ދިވެހިރާއްޖެއަށް އިންގިލާބި ބޮޑެތި ބަދަލުތަކެއް ގެންނަމުންކަމަށް މެމްބަރު ވިދާޅުވިއެވެ.
އެގޮތުން ”މޯލްޑިވްސް 2.0″ގެ ދަށުން ގޭގައި ތިބިގެން ރައްޔިތުންނާއި ގުޅުން ހުރި ހުރިހާ ޚިދުމަތެއް ފަސޭހައިން ލިބިގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ. މެމްބަރު ވަނީ މީގެ ކުރިން އެއް އޮފީހުން އަނެއް އޮފީހަށް ޕިއޯނުން ފޮތް ހިފައިގެން ދުވި ޒަމާން ނިމުމަކަށް އައިސްފި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މަޖިލީހަށް ބެލިކަމުގައި ވީނަމަވެސް ޕްރިންޓު ކުރުމަށް އެކަނިވެސް ދުވާލެއްގެ މައްޗަށް އެތަކެއް ކަރުދާހެއް ބޭކާރުވެގެންދާކަމަށް ވިދާޅުވެ މެމްބަރުވަނީ މިއި ބޮޑު އިސްރާފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އިދިކޮޅުން ބޮޑު ބަދަލެއްގެ ވާހަކަ ދައްކަމުންދާއިރު، ނަތީޖާއާއެކު ކަންކަން ބަދަލުކުރަނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
”ވަށާ ޖެހޭ ސިޔާސަތެއްގެ ތެރެއިން ޤާނޫނުގެ ތެރެއިން މިކަމަށް ދާއިމީ ހައްލެއް ހޯދަފާނެކަން އިނގޭތީ ވާދަވެރި ސިޔާސީ ފަރާތްތަކުން އެދަނީ ވަރަށް ބޮޑު ބަދަލެއް ގެންނަ ވާހަކަ ދައްކަމުން އަޅުގަނޑުމެން މިދަނީ ނަތީޖާއާއެކު ޒަމާނުއްސުރެ އަށަގަނެފަައިވާ ކަންކަންް ބަދަލުކުރަމުން،“
މީގެ އިތުރުން، މެމްބަރު ވަނީ ”މޯލްޑިވްސް 2.0“ ނިޒާމަކީ މައިންބަފައިން ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ފަދަ ވަރުގަދަ ނިޒާމެއްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމާއި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރު މީހެއް މެދުވެރިނުކޮށް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ ”މޯލްޑިވްސް 2.0“ ރާއްޖޭގައި ޒަމާނުއްސުރެ އަށަގަނެވިފައިވާ ވައްކަން ކުރުމުގެ ސިޔާސަތުތަކާއި ކޮރަޕްޝަނުގެ އަމަލުތައް މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ގާއިމުކުރާ ޕްލެޓްފޯމެއް ކަމަށް ވިދާޅުވެފައެވެ.
”ޒަމާނުއްސުރެ ސަރުކާރުގެ އިދާރާތަކުގައި ވައްކަންކޮށް މޫލާފައި ތިބި ވައްކަން ކުރަމުންދިޔަ މީހުންގެ ކަންކަން ނިމުމަކަށް ގެންނަން މި 2.0 އަޅުގަނޑުމެން މި ގާއިމުކުރަނީ،“
”މޯލްޑިވްސް 2.0“ މަޝްރޫއަކީ، ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގީލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި އިސްނެންގެވުމަކީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ސަރުކާރުން ދޭ ހިދުމަތްތައް އޮޓޯމޭޓްކޮށް، ކޮރަޕްޝަނުގެ އަމަލުތައް މަދުކުރުމަށް ބާރުއެޅުމުގެ ގޮތުން ގާއިމުކުރާ ޕްލެޓްފޯމެކެވެ. މޯލްޑިވްސް 2.0 ގެ ތަސައްވުރު ކުޑަ މުއްދަތެއްގެ ތެރޭގައި ހަގީގަތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ އަމާޒެކެވެ. އެގޮތުން، އެސްޓޯނިއާ އިން 25 އަހަރުގެ ތެރޭގައި ހާސިލުކުރި ކަންތައްތައް ދިވެހިރާއްޖެއިން 4 އަހަރުގެ ތެރޭގައި ހާސިލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.
ރައީސްގެ ހާއްސަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫއުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ. 2.0 އަކީ، ކޮރަޕްޝަންގެ ނުބައި އަމަލަށް އެޅޭނެ ބޮޑު ހުރަހެއްކަމުގައި ރައީސް ފާހަގަކުރައްވައެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ، ޑިޖިޓަލް އިގްތިސާދުން ފެނިގެންދާނެކަމުގައިވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އިދިކޮޅުން ”ބޮޑު ބަދަލު“ގެ ނަމުގައި ދައްކަނީ ވާހަކަތަކެއް، ބޮޑެތި ބަދަލުތައް ގެންނަނީ ސަރުކާރުން: ހުސެން ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ