ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން 21.0 ޑިގްރީ ސެލްސިއަސްއަށް އަރައި މިދިޔަ މަހަކީ ތާރީހުގައި ވެސް އެންމެ ހޫނުގަދަ ޖޫން މަހަށް ވެފައިވާ ކަމަށް 'ކޮޕަނިކަސް މެރިން ސާވިސް'ގެ ރިޕޯޓެއްގައި ބުނެފި އެވެ.
އެލްނީނިއޯ އާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ދަނީ އިތުރަށް ހޫނުވަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި މި ރެކޯޑްތައް އަދިވެސް މުގުރާލުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ވަނީ އިންޒާރު ދީފަ އެވެ.
އީޔޫގެ މޫސުން ބަލާ އިދާރާއިން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ފާހަގަކުރެވިފައިވަނީ މެދުނުކެނޑި ކަނޑުގެ ހޫނުމިން މަތީގައި ހުރި ދުވަސްތަކެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގެ ކަނޑުތަކުގެ ގާތްގަނޑަކަށް %82 ސަރަހައްދަށް ވަނީ ކަނޑުގެ ހީޓްވޭވް ނުވަތަ އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ އަސަރުކޮށްފަ އެވެ. މީގެ ތެރެއިން ވެސް މެޑިޓަރޭނިއަން ކަނޑާއި އުތުރު އެޓްލާންޓިކްގެ މެދުތެރެ އަދި ޕެސިފިކް ކަނޑުގެ ރާސްތާ ފާހަގަކުރެވެނީ އެންމެ ހޫނުމިން މަތިވި ސަރަހައްދުތަކުގެ ގޮތުގަ އެވެ.
އެ އިދާރާގެ އިސް އޯޝަނޮގްރަފަރު ސައިމަން ފެން ހެނިޕް ވިދާޅުވީ، އެކި ސަރަހައްދުތަކުން ފެންނަމުންދާ މި ބަދަލުތަކުން ކަނޑުތައް ހުރީ މެދުނުކެނޑި ހޫނުމިން މަތީގައި ހުންނަ ވޭވްއެއްގެ ތެރޭގައިކަން ވަރަށް ސާފުކޮށް ހާމަކޮށްދޭ ކަމަށެވެ.
އޯޝަނޮގްރަފަރު ކާލޯ ބުއޮންޓެމްޕޯ އިންޒާރު ދެއްވި ގޮތުގައި، މިހާރު ހުރި ހާލަތަކީ މީގެ ކުރިން ތަޖުރިބާކޮށްފައި ނުވާ ފަދަ ނުރައްކާތެރި އާ މަރުހަލާއެއްގެ ފެށުން ކަމަށް ވެދާނެ އެވެ. އަދި ކަނޑުގެ ހޫނުމިން މިފަދަ މަތީ މިނެއްގައި ހުއްޓައި އެލްނީނިއޯގެ އަސަރު ކުރިމަތިވުމުން، ކުރިއަށް އޮތް މަސްތަކުގައި ހޫނުމިން އިތުރު ރެކޯޑްތަކުން މުގުރާލާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، އެލްނީނިއޯގެ ސަބަބުން މި އަހަރުގެ ބާކީ ބަޔާއި އަންނަ އަހަރުގެ ތެރޭގައި ދުނިޔެ ހޫނުވުން އިތުރަށް ވަރުގަދަވެ، ފެންބޮޑުވުމާއި ހަނަފަސްކަމާއި ވަލުތަކުގައި ރޯވުމާއި ބާރުގަދަ ތޫފާންތައް އުފެދުމުގެ ނުރައްކާ ބޮޑުވެގެންދާނެ އެވެ.
މި ރިޕޯޓް ނެރެފައިވަނީ، ކަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ނުރައްކާވެ، ކަނޑުގެ ލޮނުގަނޑު އުފުލި އަދި ނުރައްކާތެރި މޫސުމީ ހާދިސާތައް ކުރިމަތިވާ މިންވަރު އިތުރުވަމުންދާތީ، ދުނިޔޭގެ ކަނޑުތައް ވަނީ ބޮޑުވަމުންދާ ކާރިސާއެއްގެ ތެރޭގައި ކަމަށް އދ.ގެ ސައިންސްވެރިންގެ ފަހުގެ ދިރާސާއަކުން އިންޒާރުދީފައި ވަނިކޮށެވެ.
ކަނޑުތަކުގެ ހޫނުމިން މިދިޔަ މަހު ރެކޯޑް މިންވަރަކަށް މައްޗަށް؛ އިތުރަށް ހޫނުވާނެކަމުގެ އިންޒާރުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ