ސައުދީ ރަސްކަމަށް އަމާޒުކޮށް ދޭ ހަމަލާއަކަށް ނުވަތަ ޔަމަނުގެ ސިޔާދަތަށް އަރައިގަތުމަށް ކުރާ ކޮންމެ މަސައްކަތަކަށް "މީގެ ކުރިން ދުވަހަކުވެސް ނުދޭ ފަދަ ވަރުގަދަ އަދި ހަރުކަށި" ރައްދެއް ދޭނެ ކަމަށް ޔަމަނުގެ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭ ސައުދީ އަރަބިއްޔާގެ ކޯލިޝަނުން ބުނެފި އެވެ.
ބައިނަލްއަގްވާމީ ކޯލިޝަނުން މިހެން ބުނެފައިވަނީ ހޫތީ ޖަމާއަތުން ދީފައިވާ އިންޒާރުތަކަކާ ގުޅިގެންނާއި، ހޫތީންގެ ކޮންޓްރޯލް އޮންނަ ޔަމަނުގެ ވެރިރަށް ސަނާއަށް އީރާނުގެ މަދަނީ މަތިންދާބޯޓެއް ޖެއްސުމާ ގުޅިގެންނެވެ.
ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ވިދާޅުވީ، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ހޫތީން ދެމުންދާ އިންޒާރުތަކަކީ ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް އެ ޖަމާއަތުން ހިންގާ އަމަލުތަކުން މީހުންގެ ސަމާލުކަން އަނބުރާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އީރާނަށް ތާއީދުކުރާ ހޫތީ ޖަމާއަތުން މަސައްކަތް ކުރަނީ އެ ޖަމާއަތުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއި، ދާހިލީ ސިޔާސީ އަދި އިޖުތިމާއީ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ހުކުރު ދުވަހު ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ނެރުނު ބަޔާނެއްގައި ވަނީ، ސައުދީގެ އެއާޕޯޓުތަކަށާއި އެއްގަމާއި ކަނޑުގެ މުހިންމު ތަންތަނަށް އަމާޒުކޮށް "ފުރިހަމަ" ރައްދެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ސަރީ ބުނި ގޮތުގައި ސަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި އީރާނުގެ މަދަނީ މަތިންދާބޯޓަކަށް ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން ހުރަސްއެޅުމުން، އެކަން ހުއްޓުވުމަށް ހޫޘީންގެ ފައުޖުތަކުން ވަނީ ވައިގެ ދިފާއީ މިސައިލް ބޭނުންކޮށްފަ އެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި އެ ބޯޓަކީ އީރާނުގެ ކުރީގެ ރޫހާނީ ލީޑަރުގެ ޖަނާޒާގައި ބައިވެރިވުމަށް ތެހެރާނަށް ދިޔަ ހޫޘީ ވަފުދަކާއި، 200 އަށް ވުރެ ގިނަ ބަލިމީހުން ގޮވައިގެން ދަތުރުކުރި ބޯޓެކެވެ.
މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އީރާނުގެ މަދަނީ މަތިންދާބޯޓެއް ސަނާއަށް ޖެއްސިކަން އާންމުކޮށް ކަށަވަރުވި ފުރަތަމަ ފަހަރެވެ.
ސައުދީ އަރަބިއްޔާ އިސްވެ އޮންނަ ކޯލިޝަނުން ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ 2015 ވަނަ އަހަރު، ހޫތީން ސަނާ ހިފައި ސަރުކާރު ވައްޓާލުމާ ގުޅިގެންނެވެ. މި ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އދ. އިން ވަނީ މިއީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ނުރައްކާތެރި އިންސާނީ ކާރިސާގެ ގޮތުގައި ސިފަކޮށްފަ އެވެ.
ހޫތީންނަށް ސައުދީ ކޯލިޝަނުން ވަރުގަދަ އިންޒާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ