ބަންދުގައި ހުރި މީހެއްގެ ގަޔަށް ހޫނު ފެން އެޅި މައްސަލައިގައި ހިމެނޭ ފުލުހަކު ވަޒީފާއިން ވަކި ކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައިފި

ބަންދުގައި ހުރި މީހެއްގެ ގަޔަށް ހޫނު ފެން އަޅައި ފިއްސާލި މައްސަލައިގައި ފުލުހަކު ވަޒީފާއިން ކަނޑާލީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފަ އެވެ. 
މާފަންނު ޕޮލިސް ސްޓޭޝަނުގެ ތެރޭގައި ގައިދީއެއްގެ ގަޔަށް ހޫނު ފެންނަ އަޅައި ފިއްސާލި މައްސަލައެއް ފެންމަތިވީ އޯގަސްޓް 18، 2021، ގަ އެވެ. އެ މައްސަލައިގައި ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށް ބުނެ މައްސަލަ ހުށަހެޅީ ގައިދީ ގަޔަށް ހޫނު ފެން އެޅިއިރު އެތަނުގައި ހުރެ ކަން ހިނގި ގޮތް އޮޅުވާލަން މަސައްކަތްކޮށްފައިވާތީ ވަޒީފާއިން ވަކި ކުރި ސާޖަންޓު މުހައްމަދު އަރީޝް އެވެ.
ހޫނު ފެން އެޅި މައްސަލައިގެ ތަހުގީގުގައި އަރީޝް ބުނެފައި ވަނީ ގައިދީ ގަޔަށް ހޫނުފެން އެޅި މަންޒަރު އޭނާއަށް ނުފެންނަ ކަމަށާއި އެފަދަ ކަމެއް ހިނގިކަން ނޭނގޭ ކަމަށެވެ. ގައިދީ ގަޔަށް ހޫނު ފެން އެޅީ ސީސީޓީވީއަށް ނާރާ ހިސާބަށް އޭނާ ގެންދިޔުމަށްފަހު އެވެ. 
ގައިދީ ގަޔަށް ހޫނު ފެން އެޅިއިރު އަރީޝް އެތަނުގައި ހުރި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވެސް އެ މައްސަލައިގައި ތަހުގީގުން ވަނީ ހޯދައިފަ އެވެ. ނަމަވެސް އަރީޝްގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އެ ވީޑިއޯއިން ފެންނަ މަންޒަރު އޮޅުވާލަން ދައުލަތުން މަސައްކަތް ކުރަނީ ކަމަށެވެ. 
ކޯޓުން އެ މައްސަލައިގައި ކަނޑައެޅީ އަރީޝް ފުލުހުންގެ ވަޒީފާއިން ވަކި ކުރީ މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްފަހު ކަމަށެވެ. އޭނާ ވަޒީފާއިން ވަކި ކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަން ކަނޑައެޅެން ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. 
އެ ގައިދީ ގަޔަށް ހޫނު ފެން ޖެހި މައްސަލައިގައި ދައުލަތުން ވަނީ 15 ފުލުހެއްގެ މައްޗަށް ޓޯޗާގެ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް އޮކްޓޯބަރު، 2023، ގައި ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ