ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ގައުމީ ސަލާމަތަށް އަސަރުކުރާ ކަމެއް

ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ސީދާ އަސަރު ކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ޖަރުމަނުވިލާތުގެ މިއުނިކްގައި ކުރިއަށްދާ 62 ވަނަ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ގްލޯބަލް ސެންޓަރ ފޮރ ކްލައިމެޓް މޮބިލިޓީ (ޖީ.ސީ.ސީ.އެމް) އާއި ރޮބަރޓް ބޯޝް ޝްޓިފްޓުންގ އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަމުން ހަލީލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނަމަވެސް، އޭގެ ނޭދެވޭ އަސަރުތައް އެކި ގައުމުތަކަށް ކުރަނީ އެކި މިންވަރަށް ކަމަށެވެ.
އެގޮތުން ވަކިން ހާއްސަކޮށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މީގެ ނުރައްކާ އިންތިހާއަށް ބޮޑުކަމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތާއި، އިގްތިސާދީ ހަމަޖެހުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ސީދާ އަސަރު ކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވެސް ހަލީލު އަލިއަޅުއްވައިލެއްވި އެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ޤައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި އެވެ.
ހަލީލް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައި، މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމުތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ