އާއްމުންނަށް ނުފެންނާނެ ގޮތަކަށް ރޯދަ މަހު ޓޫރިސްޓުންނަށް ކެއުމުގެ ހިދުމަތް ދޭން އެދިއްޖެ

މީހުން ދިރިއުޅޭ ރަށްރަށުގައި ތިބި ޓޫރިސްޓުންނަށް، ކުރިއަށް އޮތް ރޯދަ މަހު ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި، މީހުންނަށް ނުފެންނާނެ ގޮތަކަށް ހިދުމަތް ދިނުމަށް ލޯކަލް ގަވަމެންޓް މިނިސްޓްރީއިން އެދެފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޮއި ކުރައްވައި ނެރުއްވި އެންގުމެއްވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ރޯދަ މަހު ޓޫރިސްޓުން އަމަލު ކުރަންވީ ގޮތާ ގުޅޭގޮތުން ބައެއް ކަންކަން ފާހަގަ ކުރައްވާފަ އެވެ.
އެ އެންގުމުގައި ބުނީ:
ރޯދަ މަހު ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކާއި ދީނީ އެއްބައިވަންތަކަމާއ އިސްލާމްދީނަށް ދިވެހިން ކުރާ އިހްތިރާމާއި ގަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް 
އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންނަށް ކެއިންބުއިމުގެ ހިދުމަތް ދޭއިރު އާއްމުންނަށް ނުފެންނާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް
މަގުތަކާއި އާއްމު ތަންތަނުގައި ރޯދަމަހުގެ ހުރުމަތް ނުކެނޑޭނެ ގޮތަކަށް ޓޫރިސްޓުންގެ އަމަލުތައް ބެހެއްޓުމަށް ބާރު އަޅައިދީ، އެ މައުލޫމާތުތައް އެ މީހުންނަށް ހިއްސާކުރުމަށް
"މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންގެ ހިދުމަތް ދޭއިރު މި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ، ކައުންސިލްތަކުން އެ ކަމަށް ފާރަވެރިވުމަށް އިލްތިމާސްކުރަމެވެ،" އެ އެންގުމުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ