ބަންގްލަދޭޝްގެ އިންތިޚާބީ ބޮޑުވަޒީރު ތާރިގް ރަހްމާން، ޕާލަމެންޓް މެންބަރުކަމުގެ ހުވާ ކުރައްވައިފި

ދާކާ (17 ފެބްރުއަރީ 2026): ބަންގްލްދޭޝްގެ އާންމު އިންތިޚާބު ކާމިޔާބުކުރި ޕާޓީ ބީއެންޕީގެ ޒައީމް ތާރިގް ރާހްމާން އެ ގައުމުގެ ޕާލަމެންޓް މެންބަރުކަމުގެ ހުވައި ޕާލަމެންޓްގެ ކުރިމަތީގައި ކުރައްވައިފިއެވެ. ތާރިގްއާއެކު ޕާލަމެންޓަށް އިންތިޚާބުކުރި އެހެން މެންބަރުންވެސްވަނީ ޕާލަމެންޓްގެ ކުރިމަތީގައި މެންބަރު ކަމުގެ ހުވާ ކުރައްވާފައެވެ. މީގެތެރޭގައި ބީއެންޕީގެ 212 މެންބަރުންނާއި ޖަމާއަތޭ އިސްލާމީ ޕާޓީގެ 77 މެންބަރުންނާއި އެނޫން ޕާޓީތަކުގެ މެންބަރުންނާއި މުސްތަގިއްލު މެންބަރުންވެސް ހިމެނެއެވެ. ޕާލަމެންޓްގެ ކުރިމަތީގައި ހުވާކުރެއްވުމުން ތާރިގް ރަހްމާން ނުރަސްމީކޮށް ބޮޑުވަޒީރަކަށްވެސް ވީއެވެ. އެއީ އޭނާގެ ޕާޓީއަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައި ވުމުންނެވެ. ނަމަވެސް ބަންގްލަދޭޝްގެ އުސޫލުތައް އޮންނަ ގޮތުން އެ ގައުމުގެ ރައީސްގެ ކުރިމަތީގައި އަދި ބޮޑުވަޒީރުކަމުގެ ރަސްމީ ހުވާކުރުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވާނެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވުމަށް 13 ގައުމެއްގެ އިސްވެރިންނަށް ދައުވަތު އަރުވާފައިވެއެވެ. މީގެތެރޭގައި ދިވެހިރާއްޖެ، އިންޑިއާ، ޗައިނާ، ސައޫދީ އަރަބިއާ، ތުރުކީ، ބޫޓާން, ނޭޕާލް, ޕާކިސްތާން, ޔޫއޭއީ, މެލޭޝިއާ, ބުރުނާއި, ގަތަރު އަދި ސްރީލަންކާ ހިމެނެއެވެ. މިއީ މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ބޭރު ގައުމުތަކުގެ ރައީސުން ފަދަ ބޭރުގެ އިއްޒަތްތެރިން ހިމެނޭގޮތަށް ބާއްވާ ޚާއްސަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ރަސްމިއްޔާތުގައި ތާރިގް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާނީ ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންގެ ކުރިފުޅު މަތީގައެވެ. މިއީ ބޮޑުވަޒީރުކަމުގެ ހުވާ ދައުލަތުގެ ކުރިމަތީގައި ކުރުމުގެ ރަސްމިއްޔާތެކެވެ. ތާރިގް ރާހްމާން އަކީ ބަންގްލަދޭޝްގެ ކުރީގެ ރައީސް ޒިޔާއުއްރަހްމާން އާއި ކުރީގެ ބޮޑުވަޒީރާ ބޭގަމް ޚާލިދާ ޒިޔާގެ ދޮށީ ދަރިކަލުންނެވެ. އުމުރުން 60 އަހަރުގެ ތާރިގް އަކީ ތައުލީމީގޮތުން މާ ފުންނާބު އުސް ބޭފުޅެއް ނޫނެވެ. ޔުނިވާސިޓީގެ ދެވަނަ އަހަރުގައި ތައުލީމީ ދާއިރާއިން ދުރަށް ޖެހިވަޑައިގެންނެވިއެވެ. އެއަށްފަހު ދެން އުޅުއްވީ އަމިއްލަ ވިޔަފާރީގެ ދާއިރާގައާއި މަންމާފުޅު ބޭގަމް ޚާލިދާގެ ދަށުން ބީއެންޕީ ގެ ސިޔާސީ މަސައްކަތްތަކުގައެވެ. މަންމާފުޅު ބޭގަމް ޚާލިދާ ދެފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވި ނަމަވެސް ތާރިގް ސަރުކާރުގެ އެއްވެސް މަގާމެއް މިހާތަނަށް ފުރުއްވައިފައެއް ނުވެއެވެ. ތާރިގްގެ ބީއެންޕީ ނުވަތަ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ ވަނީ އާންމު އިންތިޚާބުގައި އެގައުމުގެ ޕާލަމެންޓްގައި އިންތިޚާބުކުރާ 300 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށް ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތެއް ހޯދާފައެވެ. މި އިންތިޚާބުގައި ދެވަނަ އަށް އެންމެ ގިނަ ގޮނޑި ލިބުނީ ދީނީ ވިސްނުމުގެ ޕާޓީއެއްކަމަށްވާ ޖަމާއަތޭ އިސްލާމީ ޕާޓީ އަށެވެ. އެހެންކަމުން އިދިކޮޅު ޕާޓީއަކަށްވާނީ އެޕާޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ