މައްސަލަ ހައްލުކޮށް، މޯލްޑިވް ގޭސްއާއި ވިލާއިން 10 ކިލޯގެ ގޭސް ވިއްކަން ފަށައިފި
ރާއްޖެއަށް ތެޔޮ އެތެރެކުރާ މޯލްޑިވް ގޭސްއާއި ވިލާއިން އާންމުކޮށް ވިއްކާ ވަރަށް ވުރެ މަދުން ގޭސް ވިއްކާތާ ދުވަސްތަކެއް ފަހުން، އެ މައްސަލަ ހައްލުކޮށް، 10 ކިލޯގެ ގޭސް ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއާއި ވިލާއިން ވިއްކަން ފަށައިފިއެވެ. ދައުލަތުގެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ މޯލްޑިވް ގޭސްއިން ފާއިތުވި ދުވަސްތަކުގައި ވަނީ، މީގެ ކުރިން ވިއްކަމުން އައި 10 ކިލޯގެ ގޭހުގެ ބަދަލުގައި ހަތް ކިލޯގެ ގޭސް ވިއްކަން ފަށައިފައެވެ. އަދި ގޭހަށް އޯޑަރު ދިނުމުން، ގޭސް ލިބުން އިންތިހާއަށް ލަސްވާ ކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ހައްލުނުވެ އުޅެނިކޮށް، ވިލާ ހަކަތައިން ވެސް ވަނީ ގޭސް ވިއްކާ މިންވަރު މަދުކޮށްފައެވެ. 'ސަން'އިން ސުވާލުކުރުމުން، އެސްޓީއޯއިން ބުނީ ގޭހުގެ ސްޓޮކެއް ގެނެސް، 10 ކިލޯގެ ގޭސް މިއަދު ވިއްކަން ފަށާފައިވާ ކަމަށެވެ. އަދި، ކުރިއެކޭ އެއްގޮތަށް ރޯދަ މަހު ވެސް ގޭހުގެ ދަތިކަމެއް ނާންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ވިލާ ގޭސް -- ސަންފޮޓޯ/ ނާއިލް ހުސައިން ގޭހަށް އޯޑަރުކުރަން ވިލާއަށް ގުޅުމުން ބުނީ، މީގެކުރިން ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށާއި 10 ކިލޯގެ ގޭސް ވިއްކަން ފަށާފައިވާ ކަމަށެވެ. މިދިޔަ ހޯމަ ދުވަހު އެސްޓީއޯއިން ވަނީ، މަދުން ގޭސް ވިއްކަމުން އަންނަނީ، ދުނިޔޭގެ ސަރަހައްދީ ބާޒާރުގެ ސަޕްލައިއަށް އައި ލޮޅުންތަކަކާ ހެދި ކަމަށް ބުނެފައެވެ. އަދި ގޭހުގެ ސަޕްލައިއަށް އަންނަ ބަދަލުތަކަކާ ގުޅިގެން ރާއްޖެއަށް ގޭސް އެތެރެކުރާ ދެ ކުންފުނިން އަބަދުވެސް ރޭޝަން ކޮށްގެން ނުވަތަ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކުމަކީ ކުރިން ވެސް ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ. https://sun.mv/217757 މި ހަފުތާގައި ކުރިއެކޭ އެއްގޮތަށް ގޭސް ވިއްކަން ފެށޭނެ ކަމަށް އޭރު އެ ކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ