ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޗައިނާގެ ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، ލީ ޗިއާންގއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވި ސިޓީފުޅުގައި، އެމަނިކުފާނު ވަނީ، "އިޔަރ އޮފް ދަ ހޯސް" އިން ރަމްޒުކޮށްދޭ، ޖޯޝާއި، އަޒުމާއި އަދި ކުރިއަރައި ދިޔުމުގެ ރޫޙުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއިން ދައްކުވައިދޭ ވިލުންތެރިކަމާއި، ތަރައްޤީވުމުގެ މަޤުޞަދު ފާހަގަކުރައްވާފައެވެ. އަދި "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" ގެތެރެއިން، ދެޤައުމުގެ ތަރައްޤީއަށް ފައިދާކުރަނިވި ކަންކަން އިތުރަށް ހަރުދަނާކުރުމުގައި އިތުބާރުކުރެވޭ ރަހްމަތްތެރި ގުޅުމެއް އޮތްކަމަށް، އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޕްރިމިއަރ ލީ ޗިއާންގއަށް ފޮނުއްވި ސިޓީފުޅުގައި، ދިވެހިރާއްޖެޔާ ޗައިނާއާއި، ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިފެށޭ އައު އަހަރުގައިވެސް މިގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
ދެ ސިޓީފުޅުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ "ވަން ޗައިނާ ޕްރިންސިޕަލް" އަށް ދެމުންދާ އިސްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ހަރުދަނާ ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެއު ޞިއްޙަތަކަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ
މި މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާ ކުރައްވާފައިވާ މެސެޖުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ތަރައްޤީގެ ރޮނގުގައި ޗައިނާ ހޯދާފައިވާ އާދަޔާޚިލާފު ކާމިޔާބީތައް ފާހަގަ ކުރައްވައި، ޗައިނާގެ ރައްޔިތުންނަށް އަދަށްވުރެ ރޯޝަނީ މުސްތަޤްބަލަކަށް އެދިވަޑައިގެންފައި ވެއެވެ.
ސްޕްރިންގ ފެސްޓިވަލްގެ ނަމުގައި، ޗައިނާގައި ފާހަގަކުރާ ހަނދުމަހުގެ އާއަހަރަކީ، ޗައިނާގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޗައިނާގެ މުޖުތަމަޢުތަކުން ފާހަގަ ކުރަމުން އަންނަ މުނާސަބަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ، ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ