ސްކޫލް ނިންމާ ދަރިވަރުންނަށް ސަރުކާރުގެ ވަޒީފާ ދިނުމުގެ ކުރިން އަސްކަރީ ތަމްރީނު ލާޒިމް ކުރުމަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ހުސައިން މިގޮތަށް ގޮވާލެއްވީ، ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުންނެވެ.
ތަފްސީލު - އެ ބަހުސްގައި ހުސައިން ވަނީ، ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދުމަށް އާންމުން ދާއިރު އެތަންތަނުގެ މުވައްޒަފުންގެ ފަރާތުން އެކަށީގެން ހިދުމަތެއް ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅު ކުރައްވަފާ އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
އާންމު މީހަކު ފޮނުވާ ސިޓީއަކަށް އެ އޮފީހަކުން ޖަވާބު ނުލިބި ދެތިން މަސް ހޭދަ ކުރަން ޖެހޭ
ކަމެއް އޮޅުންފިލުވުމަށް ފޯނު ކޯލެއް އެ އޮފީހަކަށް ކުުރުމުން، އެ ފޯނު ކޯލް އެކި މުވައްޒަފުންނަށް ޕާސް ކުރަމުން ގޮސް، އެ ނިމޭއިރު ވެސް ޖަވާނު ނުލިބިދާނެ ކަމަށް
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ނުވަތަ ހިންގުމުގެ ހަރަދަށް ބޮޑު އިންސަތައެއް ހޭދަ ކުރާކަން ފާހަގަކުރައްވައި ހުސައިން އުފެއްދެވި ސުވާލަކީ އެ ހޭދައާ އެއްވަރަށް އާންމުންނަށް ހިދުމަތް ދެވޭތޯ އެވެ.
"އެކި އިނާޔަތްތަކާއި އެކި މަގާމުތަކާއި އެކި ވަޒީފާތަކަށް ވެރިންގެ ލެވެލްގައި އެކި ގޮތް ގޮތަކަށް ކަނޑައަޅައިގެން، ގައުމަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް %90 އާމްދަނީ މި ހަރަދު ކުރަނީ ހިންގުމުގެ ހަރަދަށް... [އެކަމަކު] ކޮންމެ ދިމާލަކުން ބެލިޔަސް އަޑު އިވެނީ ޝަކުވާ،" ރައްޔިތުންގެ ފަރާތުން މަޖިލިސް މެންބަރުންނަށް ވެސް އެ ޝަކުވާ އަންނަކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވި އެވެ.
އެއާ އެކު، ހުސައިން ވިދާޅުވީ ވަޒީފާތަކަށް ބޭނުންވަނީ ފެންވަރު ރަނގަޅު މީހުން ކަމަށެވެ. އަދި އެ ވަޒީފާއަކަށް އިހްތިރާމް ކުރާ، ވަފާތެރި، ގަޑިއަށް ސަމާލުކަން ދިނުން އޭގެ ތެރޭގައި އޭނާ ހިމެނުއްވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ ރާއްޖޭގައި އޭލެވެލް [އަދި] އޯލެވެލް ހަދާ ދަރިވަރުންނަށް ސަރުކާރުން ވަޒީފާ ދެންޏާ ފުރަތަމަ ތަރުބަވީ ޓްރެއިނިންއަކަށް، ހަމަ މިލިޓަރީ ޓްރެއިނިންއަށް ފޮނުވަންވީ. ރަނގަޅަށް މިލިޓަރީއަށް ފޮނުވާފައި، މިލިޓަރީ ޓްރެއިނިން ނަހަދާ ކުއްޖަކަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުދޭންވީ. އެއީ ވަރަށް މުހިންމު ކަމެއް،" ސަރުކާރުގެ ވަތަނީ ޕްރޮގްރާމަށް ތާއީދު ކުރައްވަމުން ހުސައިން ވިދާޅުވި އެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ:
މީގެ 20އަކަށް އަހަރު ކުރިއަށް ބަލާއިރު، މައުހަދުން ކިޔަވާ ދަރިވަރެއް ނަމަ، ވަރަށް އަހުލާގު ރަނގަޅު ކަމަށް އޭރު މީހުން ބުނި
ނަމަވެސް އެފަދަ އަހުލާގު ރަނގަޅު ދަރިވަރުން މިހާރަކު ނެތް
"ހައި ޑިސްޓިންކްޝަންގައި އަޅުގަނޑުމެންގެ ކުދިން ސެޓްފިކެޓް ހޯދައިގެން އައިސް އެ ކުދިންނަށް ވަޒީފާގެ މާހައުލުގައި، އެ ތަރުބަވީ ހަޔާތުގައި އެގޮތަށްތޯ ކަންތައް ވަމުންދަނީ؟ އެކަން ބަލަން އެބަ ޖެހޭ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އެހެންކަމުން، މި މައްސަލަ ހައްލު ވާނީ ސްކޫލް ނިންމާ ދަރިވަރުންނަށް ސަރުކާރުގެ ވަޒިފާތަކަށް ނެރުމުގެ ކުރިން އަސްކަރީ ތަމްރީނު ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލް ނިންމާ ދަރިވަރުންނަށް ސަރުކާރުގެ ވަޒީފާ ދިނުމުގެ ކުރިން އަސްކަރީ ތަމްރީނު ލާޒިމް ކުރަން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ