ތެރަޕީގެ ފަރުވާތަކަށް ދިވެހިން ތަމްރީންކުރުމުގެ ސްކޮލަރޝިޕަށް ހުޅުވާލައިިފި

ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރުމަށް، ސަރުކާރުން ދޭ 250 ސްކޮލަރޝިޕް ފުރުޞަތަށް ހުޅުވާލައިފިއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތަށް ވަނީ ހުޅުވާލާފައެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރިތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިވަނީ މި ފުރުޞަތުތަތަކަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. ސްކޮލަރޝިޕް ފުރުޞަތުގައި ހިމެނެނީ ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ދޭ 20 ފުރުޞަތެވެ. އަދި ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް ދޭ 30 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް ދޭ 80 ފުރުޞަތެވެ.
އެންމެ ގިނައީ ސްޕީޗް ތެރަޕީއަށް ހުޅުވާލާފައިވާ ފުރުޞައެވެ. އެ ދާއިރާއިން 90 ފުރުޞަތަށް ވަނީ ހުޅުވާލާފައެވެ.
• ސައިކޮލޮޖީ – 30 ފުރުޞަތު
• ކައުންސިލިން/ބިހޭވިއަރ ތެރަޕީ – 30 ފުރުޞަތު
• އޮކިއުޕޭޝަނަލް ތެރަޕީ – 30 ފުރުޞަތު
• ސްޕީޗް ތެރަޕީ – 30 ފުރުޞަތު
• ސައިކޮލޮޖީ – 20 ފުރުޞަތު
• ސްޕީޗް ތެރަޕީ – 30 ފުރުޞާތު
• އޮކިއުޕޭޝަނަލް ތެރަޕީ – 30 ފުރުޞަތު
• ސްޕީޗް ތެރަޕީ – 30 ފުރުޞަތު
• ބިހޭވިއަރ އެނަލިސިސް/ ބިހޭވިއަރ ތެރަޕީ – 20 ފުރުޞަތު
މި ފުރުޞަތުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ 13:30އެވެ. ސްކޮލަރޝިޕް ފުރުޞަތުގެ ޝަތުރުތަކާއި އުސޫލު ވަނީ ގެޒެޓުކޮށްފައެވެ.
އެކި ބާވަތުގެ ތެރަޕީއާއި ނަފްސާނީ މައްސަލަތަކުގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސިޔާސަތުތަކެއް ކަނޑައަޅާ، އެމަގުން ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެންސްޕާ މެދުވެރިކޮށް ގަވައިދުން ތެރަޕީއަށް އެހީތެރިކަން ދޭ 220އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ. އަދި ޚިދުމަތް ހޯދަން ދަތިވެ، ޚިދުމަތް ނުލިބިވާ އެތައް ކުދިންނާއި މީހުންނެއްވެސް އެބަތިއްބެވެ.
ވޭތުވެދިޔަ 3 އަހަރު، ނަފްސާނީ ބަލިތަކުގެ ޚާއްސަ ފަރުވާ، 70،000އަށްވުރެ ގިނަ މީހުން ހޯދަފައިވެއެވެ.
ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ތެރަޕީގެ ޚިދުމަތްތައް ފަހިކުރުމަކީ ސަރުކާރުގެ ޢަމާޒެކެވެ. މިވަގުތު ގިނަ ހޮސްޕިޓަލްތަކުގައި ފަރުވާ ދެނީ ރާއްޖެއިން ބޭރުގެ ތެރަޕިސްޓުން މެދުވެރިކޮށެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ މި ދާއިރާއިން ވީހާވެސް ގިނަ ދިވެހިން ތަމްރީންކޮށް، ޚިދުމަތް ދިނުމުގައި ޕޭޝަންޓުންނާ ގާތުން ޚިދުމަތްތައް ދެވޭނެ މަގު ފަހިކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ