ޑްރަގް ދެ ބޮޑުން ބަންދުން ދޫކުރި ޝަރުތުތަކާ ޚިލާފުވުމުން ހައްޔަރުކޮށްފި

ބަންދުން ދޫކުރި ޝަރުތުތަކާއި ޚިލާފުވުމުން ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވި ދެމީހުން އަލުން ހައްޔަރުކޮށްފިއެވެ.
މި ދެމީހުން އަލުން ހައްޔަރުކޮށްފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ކަށަވަރުކޮށްދީފައެވެ. ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ނެޓްވޯކެއް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ފުވައްމުލަކު ސިޓީން ދެ މީހަކު ހައްޔަރުކުރީ 2024 ވަނަ އަހަރު ޑިސެމްބަރު މަހުއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ރަށު އުމުރުން 35 އަހަރުގެ ދޫޑިގަން، އަހުމަދު ނިއުޝާދު، އަދި ދޫޑިގަން ޒަމާނީވިލާ، އުމުރުން 30 އަހަރުގެ ހަސަން އާޒިމް އެވެ.
އެ ދެމީހުންގެ މައްޗަށް ދައުވާކޮށްފައިވާއިރު، ހައިކޯޓުން މިދިޔަ އަހަރު ޖަނަވަރީ މަހު އެމީހުން ބަންދުން ދޫކޮށްލާފައިވެއެވެ. ނަމަވެސް އައު އަމުރަކާއެކު އެ ދެމީހުން އަލުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން މިދިޔަ ހަފްތާގައި އަނެއްކާވެސް ޝަރުތުތަކާއެކު ކޯޓުން އެ ދެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. މިމައްސަލާގައި އެ ދެމީހުން އަލުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާލިބޭ އަޙްމަދު ނިއުޝާދާއި، ޙަސަން ޢާޒިމް ޝަރުތުކޮށްފައި ބަންދުން ދޫކޮށްފައިވަނިކޮށް، ކޯޓުން ކަނޑައެޅި ޝަރުތުތަކާ ޚިލާފުވެފައިވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ޝަރީޢަތް ނިމެންދެން އަލުން ބަންދުކޮށްފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ވަނީ ހަސަން އާޒިމާއި އަޙްމަދު ނިއުޝާދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ. އެއީ ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ 27 އެޕްރީލް 2024 ދުވަހު ޏ.ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ދިރާސާ ކުރިއިރު އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
ޙަސަން ޢާޒިމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ 2019 ޖުލައިގެ އިން ފެށިގެން އޯގަސްޓް 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 6 މިލިޔަނެއްހާ ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ޙާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އަޙްމަދު ނިއުޝާދުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވަނީވެސް 2019 ޖުލައި އިން ފެށިގެން އޯގަސްޓް 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21.9 މިލިޔަން ރުފިޔާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ޙާލަތުގައި، އެ ފައިސާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި ދައުވާތަކާ ގުޅިގެން 1,194,290.31 (އެއްމިލިއަން އެއްލައްކަ ނުވަދިހަ ހަތަރުހާސް، ދުއިސައްތަ ނުވަދިހަ ރުފިޔާ ތިރީސް ލާރި) ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ. އެ އޮފީހުން ވިދާޅުވީ މި ފައިސާއަކީ ކުށްކޮށްގެން ހޯދާއިފައިވާ ފައިސާކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ ފައިސާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ