އައު ފީޗާތަކާއެކު އައިއޯއެސް 26.5ގެ ބީޓާ ވާޝަން ނެރެފި
މުޅިން އައު ފީޗާތަކަކާއެކު، އެޕަލް ކުންފުނިން އައިއޯއެސް 26.5ގެ ފުރަތަމަ ބީޓާ ވާޝަންނެރެފިއެވެ. ޑިވެލޮޕަރުންނަށާއި ބީޓާ ޓެސްޓަރުންނަށް މިހާރު މި އަޕްޑޭޓް ދޫކޮށްފައިވާއިރު، މީގެ ކުރިން އެންމެ ފަހުން ނެރުނު އައިއޯއެސް 26.4 ގެ ސްޓޭބަލް ވާޝަންގައި، އެންޑްރޮއިޑާއި އައިފޯނާ ދެމެދު ކުރެވޭ އާރްސީއެސް މެސެޖުތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އެ ފީޗާ އޭރު ހިމަނާފައެއް ނުވެއެވެ. ނަމަވެސް، ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ މި ފީޗާގެ އިތުރުން އެހެނިހެން ގިނަ އައު ކަންތައްތަކެއް އަލަށް މި ނެރުނު ބީޓާ ވާޝަންގައި ވަނީ ހިމަނާފައެވެ. މެކްރޫމާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އައިޕެޑްއޯއެސް 26.5 ބީޓާ 1 އާއެކު ނެރުނު މި އަޕްޑޭޓްގައި އެޕަލް މެޕްސްއަށް ވަނީ "ސަޖެސްޓެޑް ޕްލޭސަސް" ގެ ނަމުގައި އައު ފީޗާއެއް ތަޢާރަފުކޮށްފައެވެ. މިއީ މުސްތަޤުބަލުގައި އެޕަލް މެޕްސްގައި އިޝްތިހާރު ދެއްކުމަށް މަގުފަހިކުރުމުގެ ގޮތުން ހިމެނި ފީޗާއެއް ކަމަށް ބެލެވެއެވެ. https://sun.mv/217864 މި ފީޗާ މެދުވެރިކޮށް، ޔޫޒަރު ހުންނަ ތަނާއި، ސާޗްކުރާ ބަސްތަކަށް ބިނާކޮށް ލޯކަލް އިޝްތިހާރުތައް ފެންނާނެއެވެ. އަދި މިގޮތަށް ފެންނަ ތަންތަނަކީ އިޝްތިހާރުކަން އެނގޭނެހެން ލޭބަލް ކޮށްފައި ހުންނާނެއެވެ. މީގެ އިތުރުން، އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކާ ދެމެދު ރައްކާތެރިކަމާއެކު މުޢާމަލާތްކުރުމަށް، އާރްސީއެސް މެސެޖުތަކުގެ އެންޑް-ޓު-އެންޑް އެންކްރިޕްޝަން މި އަޕްޑޭޓްގައި ވަނީ އަލުން ގެނެސްދީފައެވެ. ސެޓިންގްސް މެދުވެރިކޮށް މި ފީޗާ އޮން ނުވަތަ އޮފް ކުރެވޭނެ ބަޓަނެއް (ޓޮގްލްއެއް) ހިމަނާފައިވާއިރު، އާންމު ގޮތެއްގައި (ޑިފޯލްޓްކޮށް) މި ފީޗާ އިންނާނީ އޮން ކޮށްފައެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގަވާއިދުތަކާ އެއްގޮތްކުރުމަށްޓަކައި، އެޕަލްގެ އެއާޕޮޑްސް ފަދައިން އެހެން ކުންފުނިތަކުގެ ވަޔާލެސް އިއާބަޑްސްތައް ވެސް ފަސޭހައިން އައިފޯނާ ގުޅާލެވޭނެ "ޕްރޮކްސިމިޓީ ޕެއަރިން" ފީޗާ އެޕަލް އިން ދަނީ ޓެސްޓުކުރަމުންނެވެ. މީގެ އިތުރުން އައިފޯނާ ގުޅާފައި ހުންނަ އެހެން ކުންފުނިތަކުގެ ސްމާޓްވޮޗްތަކަށް (އެޕަލް ވޮޗްއެކޭ އެއްގޮތަށް) ނޮޓިފިކޭޝަންތައް ލިބި، އެއަށް ރިއެކްޓް ކުރެވޭނެ ގޮތްވެސް މި ބީޓާގައި ހިމެނެއެވެ. މިއީ އެހެން ކުންފުނިތަކުގެ ސްމާޓްވޮޗްތަކަށް "ލައިވް އެކްޓިވިޓީސް" ސިންކްކުރެވޭގޮތަށް އެ ކުންފުނިން ޓެސްޓުކުރާ ފުރަތަމަ ފަހަރެވެ. މި އަޕްޑޭޓްގައި ހިމެނޭ އިތުރު ފީޗާތަކަށް ބަލާއިރު، ޔޫއެސްބީ-ސީ ޕޯޓު މެދުވެރިކޮށް މެޖިކް ކީބޯޑެއް އައިފޯނާ ގުޅާލުމުން، އޮޓޯއިން ބްލޫޓޫތު މެދުވެރިކޮށް އެ ކީބޯޑާ ގުޅޭނެއެވެ. އަދި އައިފޯނުން އެންޑްރޮއިޑް ފޯނަކަށް މައުލޫމާތު ބަދަލުކުރާއިރު، މެސެޖުތަކާއެކު ގެންދަން ބޭނުންވާ ވަކި އެޓޭޗްމަންޓްތަކެއް (ފޮޓޯ ނުވަތަ ފައިލް ފަދަ ތަކެތި) ޚިޔާރުކުރުމުގެ ފުރުޞަތުވެސް ޔޫޒަރުންނަށް މިހާރު ލިބިގެންދާނެއެވެ. އެޕަލް ކުންފުންޏަކީ އާންމުގޮތެއްގައި އެ ކުންފުނީގެ އަމިއްލަ އުފެއްދުންތަކަށް އެކަނި އިސްކަންދީގެން، ވަރަށް ބޮޑަށް ބަންދުކުރެވިފައިވާ (ކްލޯޒްޑް) އިކޯސިސްޓަމެއް ގެންގުޅޭ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކުންފުންޏެކެވެ. ނަމަވެސް، ފަހަކަށް އައިސް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހަރުކަށި ގަވާއިދުތަކާއި 'ޑިޖިޓަލް މާކެޓްސް އެކްޓް' ގެ ސަބަބުން، އެހެން ކުންފުނިތަކުގެ އުފެއްދުންތަކަށާއި ޚިދުމަތްތަކަށް އެޕަލްގެ ސިސްޓަމްތަކުން ޖާގަދިނުމަށް އެ ކުންފުންޏަށް ވަނީ މަޖުބޫރުވެފައެވެ. އެހެން ބްރޭންޑްތަކުގެ ސްމާޓްވޮޗްތަކަށާއި އިއާބަޑްސްތަކަށް އައިފޯނުން ފަސޭހަކަން ދިނުމާއި، އެންޑްރޮއިޑާއި އައިފޯނާ ދެމެދު މެސެޖުކުރުމަށް ގޫގުލްއިން ބާރުއަޅަމުންދިޔަ އާރްސީއެސް މެސެޖިން އެޕަލްއިން ބަލައިގަތުމަކީ މީގެ ސާފު ހެއްކެކެވެ. މީގެ އިތުރުން، އެޕަލް މެޕްސް ފަދަ އެޕްލިކޭޝަންތަކަށް އިޝްތިހާރު ތަޢާރަފުކުރުމަކީ، ހަމައެކަނި ޑިވައިސް ވިއްކައިގެން ލިބޭ އާމްދަނީއަށް ބަރޯސާވުމުގެ ބަދަލުގައި، އެޕަލްގެ ޑިޖިޓަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް އެ ކުންފުނިން ގެންގުޅޭ ވިޔަފާރީގެ އައު ސިޔާސަތުގެ ދަށުން ކުރަމުންދާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ