ބީއެމްއެލްގެ ނިންމުމާއެކު ކެޕިޓަލް މާކެޓަށް ތާރީޚީ ކުރިއެރުމެއް!

އެންމެ ފަހުން ބޭއްވި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއަށްފަހު، ރާއްޖޭގެ ކެޕިޓަލް މާކެޓަށް ތާރީޚީ ކުރިއެރުމެއް ލިބިއްޖެއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވިދާޅުވީ، މި މަހުގެ 27ވަނަ ދުވަހާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒުތަކެއްގެ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިޔަން ރުފިޔާގައި ކަމަށެވެ. ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކުރުމަށާއި، ޝެއާ ސްޕްލިޓް ކުރަން (ހިއްސާ ބައިކުރަން) ފާސްކުރުމާއެކު، މާކެޓު ކެޕިޓަލައިޒޭޝަން 62 ބިލިޔަން ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.
އެސްއެެމްއީއިން ވިދާޅުވީ، މިމަހުގެ 27 ވަނަ ދުވަހު ބީއެމްއެލްގެ މާކެޓު ކެޕިޓަލައިޒޭޝަން 3.6 ބިލިޔަން ރުފިޔާގައި ހުރިއިރު، އިއްޔެއާ ހަމައަށް މި އަދަދު 31.97 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއާއެކު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށް ބީއެމްއެލް ވެފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
އެސްއެެމްއީއިން ވިދާޅުވީ، މާކެޓަށް އައި މި ބަދަލު އެންމެ ބޮޑަށް ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ މޫނުމަތީ އަގުގެ 50 ރުފިޔާގެ ހިއްސާއެއްގެ މާކެޓު އަގު ހުރީ، އެވްރެޖުކޮށް ގާތްގަނޑަކަށް 800 ރުފިޔާގައެވެ.
އެހެން ނަމަވެސް، ބޯނަސް އިޝޫއާއި ޝެއާ ސްޕްލިޓަށްފަހު، ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓު އަގު މިހާރު ވަނީ، ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައެވެ. މިއީ، ނިސްބަތުން މިނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލއިފިނަމަ ގާތްގަނޑަކަށް %650 ގެ މާކެޓު އަގުގެ ކުރިއެރުމެކެވެ.
އެސްއެެމްއީއިން ވިދާޅުވީ، މި ބަދަލުގެ ސަބަބުން ވަގުތުން ދެ ނަތީޖާއެއް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން މިހާރު ތިބި ހިއްސާދާރުން މާކެޓުގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވެފައިވާއިރު، އައު އިންވެސްޓަރުންނަށް، ޚާއްސަކޮށް ޒުވާނުންނަށް، މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވުނު ކަމަށެވެ.
މި ކުރިއެރުމާ ގުޅޭގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ގްރޫޕުގެ ސީއީއޯ ވިދާޅުވީ، ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދިގު މުއްދަތަކަށް އިންވެސްޓްކޮށްފައި ތިބި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.
"އެއީ ބޭންކް މިއަދު އޮތް ހިސާބަށް ގެނައުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ފަރާތް. ހަމައެއާއެކު، މީގެސަބަބުން ޒުވާނުންނާއި މުޅިން އަލަށް އިންވެސްޓް ކުރާ ފަރާތްތަކަށް މާކެޓަށް ވަދެ، ކުންފުނީގެ މުސްތަޤުބަލުގެ ކުރިއެރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދޭ." ސޮޓޮކް އެކްސްޗޭންޖުގެ ސީއީއޯ ވިދާޅުވިއެވެ.
މި ކުރިއެރުމުން ހާމަވަނީ ކެޕިޓަލް މާކެޓު ތަރައްޤީ ކުރުމުގެ މުހިންމު މަޤުސަދު ކަމަށާއި، މީގެ ސަބަބުން މިހާރު ތިބި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމާއެކު، އައު އިންވެސްޓަރުންނަށް ފަސޭހައިން ބައިވެރިވެވޭނެ ފަދަ، ހުރިހާ އެންމެން ޝާމިލުވާ އިންވެސްޓްމަންޓް މާހައުލެއް ޤާއިމުކުރުމަށް މަގު ފަހިކޮށްދޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
އެސްއެެމްއީއިން ވިދާޅުވީ، ބީއެމްއެލްގެ މި ނިންމުމަކީ ކެޕިޓަލް ރީސްޓްރަކްޗަރިން މެދުވެރިކޮށް ކުރިއަރަމުން އަންނަ މާކެޓުތަކުގައި ލިކުއިޑިޓީ އިތުރު ކުރެވިދާނެ ގޮތުގެ ސާފު މިސާލެއް ކަމަަށެވެ. އަދި މާކެޓުގައި ގަނެވިއްކޭ ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއެއްގެ އަގު ހެޔޮ ކުރުމުން، ސެކަންޑަރީ މާކެޓު އިތުރަށް ހަރަކާތްތެރިވުމަށް މަގުފަހިވެފައިވާ ކަމަށެވެ.
މީގެ އިތުރުން، މިއީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށްވެސް ލިބުނު މުހިންމު ސިގްނަލެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މިހާރު ޕްރައިސް-ޓު-ބުކް ރޭޝިއޯ ގާތްގަނޑަކަށް 0.66 ގައި ހުރި އަދި ގާތްގަނޑަކަށް %4 ގެ ޑިވިޑެންޑް ޔީލްޑެއް ލިބޭ އެސްޓީއޯ ފަދަ ކުންފުނިތަކަށްވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމުން ފައިދާ ކުރާނެއެވެ. އަދި ދޫކޮށްފައިވާ ހިއްސާގެ އަދަދު ނިސްބަތުން މަދު އެސްޓީއޯއަށްވެސް، ރަނގަޅަށް ރޭވިފައިވާ ޝެއަރ ސްޕްލިޓެއް މެދުވެރިކޮށް ލިކުއިޑިޓީ އިތުރުކޮށް، އިންވެސްޓަރުންގެ ބައިވެރިވުން އިތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެސްއެމްއީއިން ވިދާޅުވެއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ވިދާޅުވީ، ބީއެމްއެލް އޭޖީއެމްއަށްފަހު މާކެޓުގެ ތަފާސްހިސާބުތަކުން ފެނުނީ ރާއްޖޭގެ ކެޕިޓަލް މާކެޓަށް އައި މުހިންމު ބަދަލު ކަމަށެވެ. އަދި މާކެޓު ކެޕިޓަލައިޒޭޝަނަށް އައި ބޮޑު ކުރިއެރުމާއި، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވުމަކީ، ހަރުދަނާ ކަމާއެކު ތަންފީޒު ކުރާ ކޯޕަރޭޓް ނިންމުންތަކުގެ ސަބަބުން މާކެޓަށް އަތުވެދާނެ ބޮޑު ބަދަލުތަކުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާކެޓުގައި ހިއްސާ ގަނެވިއްކުމުގެ ފުރުސަތުތަކާއި، އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެސްއެމްއީއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ