ވީއައިއޭގައި މިހާރުވެސް އެތައް ޖެޓެއް: "މިއީ ފައިދާގެ ބޭނުން ހިފައި، ސިނާޔަތް ކުރިއަރުވަންވީ ދަނޑިވަޅު"
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިވަގުތު ވެސް ގިނަ ޖެޓުތަކެއް އައިސް އޮތްއިރު، މިއީ ވިސްނުންތެރިކަމާއެކު އެކަމުގެ ފައިދާ ނަގައި، ރާއްޖެއަށް އަންނަ ޖެޓުތަކާއި ފަތުރުވެރިންގެ އަދަދު އިތުރުކުރަންވީ ދަނޑިވަޅު ކަމަށް އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު މިއަދު ވިދާޅުވެއްޖެއެވެ. އާއްމުގޮތެއްގައި ރާއްޖެއަށް ގިނަ އަދަދެއްގެ ޖެޓުތައް އަންނަނީ އައު އަހަރާއި ކްރިސްމަސް ފަދަ 'ހޮލިޑޭ'ތަކާ ދިމާކޮށެވެ. ނަމަވެސް މިވަގުތު ވެސް ވީއައިއޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ޕާކުކޮށްފައި އެބައޮތެވެ. 'ސަން' އާ ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ޖެޓްތަކުގެ މައި ހަބް އޮތުމާއެކު، ރާއްޖެއަށް ޖެޓްތައް އަންނަ މިންވަރު އިތުރުވަނީ ކަމަށެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނައިގެން އެކަމުން ރާއްޖޭގެ އިގްތިސޯދަށް މަންފާވާނެ ގޮތެއް ބަލަންވީ ދަނޑިވަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެއާޕޯޓުގައި މަހުޖަނުންގެ ޖެޓުތައް -- ފޮޓޯ/ އެމްއޭސީއެލް އެގޮތުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކަށް ލޭންޑިން ފީ އާއި ޕާކުކުރާނެ އިންތިޒާމުތަކަށްދާ މައިގަނޑު ޚަރަދުތައް ވަގުތީ ގޮތުން ކުޑަކުރުމަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަމައެހެންމެ، އެކަން ކުރެވެން އޮތް މިންވަރަކުން ތެލުގެ އަގުންވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ފިރާގު ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ގިނަ ޖެޓުތައް އައިސް، ގިނަ ފަތުރުވެރިން ރާއްޖެ އައުން ކަމަށާއި އެއީވެސް ފަތުރުވެރިކަމަށް ބޭނުން ހިފޭނެ އައު މާކެޓަކަށް ވާނެ ކަމަށް ފިރާގު ވިދާޅުވިއެވެ. ހަމައެއާއެކު، ޑިމާންޑު އިތުރުކުރުމަށްޓަކައި ވާދަވެރި އަގުތަކަކާއި ލުއިފަސޭހަ ޕެކޭޖުތަކެއް ހުށަހަޅައިގެން، ރިސޯޓުތަކާއި ހޮޓާތަކުންވެސް މި މަސައްކަތުގައި ބައިވެރިވާން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. "މިއީ ބޮޑު ފައިދާއެއް ނަގަންވީ ވަގުތެއް ނޫން. މިއީ ސިނާޔަތް ހުއްޓުނަނުދީ ކުރިއަށް ގެންދަންވީ ވަގުތު. ސަރުކާރާއި، އެއާލައިންތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ހަރުދަނާ ގުޅުމަކާއި އެއްބާރުލުމެއް މިވަގުތު ވަރަށް މުހިންމު،" ސޯޝަލް މީޑިއާގައި އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓުގައި ފިރާގު ވިދާޅުވިއެވެ. ފިރާގު ވިދާޅުވީ މިވަގުތު ރާއްޖޭގެ އިގްތިސޯދަށް ދިރުން ގެނެސްދޭނެ އެއްކަމަކީ، ވަކި މުއްދަތަކަށް ކަނޑައެޅިފައިވާ ޑިސްކައުންޓްތަކާއެކު ބައިނަލްއަގުވާމީ އެއާލައިންތަކަށް އިތުރަށް ފުރުސަތުތައް ހުޅުވާލުން ކަމަށެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއިން ވެސް ލަސްނުކޮށް ވިސްނުންތެރިކަމާއެކު ފިޔަވަޅުތަކެއް އަޅަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވުމާއެކު، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ދިވެހިރާއްޖެއިން އިސްކަންދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ މާނައަކީ، މި ދަތި ދަނޑިވަޅުގައި އެއާލައިންތަކުގެ އޮޕަރޭޝަންތައް ދަމަހައްޓައި ފުޅާކުރުމަށް އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީ، މެދުކެނޑުމެއްނެތި ދަތުރުފަތުރުގެ ގުޅުން ބޭއްވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ދޭން ފެށި ހަމަލާތަކާއެކު މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރަން ޖެހުނެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ އެ ސަރަހައްދުގައި މަޑުކުރުމަށް ފަހު ކަމަށްވުމުން، ހަނގުރާމަ ފެށުނު ފަހުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވެއެވެ. https://sun.mv/219910 އޭގެ ފަހުން މަހެއް ވެފައިވާއިރު، މެދުއިރުމަތީގެ ބައެއް އެއާލައިންތަކުން މިހާރު ވަނީ ދަތުރުތައް ވެސް އަލުން ފަށައިފައެވެ. މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން، މިދިޔަ މަހު 28އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 496 ފުލައިޓު ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 634,278 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ހިނގާ މާރިޗް މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 152,510 ފަތުރުވެރިން ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18.7 ޕަސެންޓްގެ ދަށްވުމެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ