އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެއްޖެ

ދުވަސްކޮޅަކަށް ރާއްޖޭގެ ވައި ސާފުކޮށް އޮތުމަށްފަހު އަނެއްކާވެސް ވައި ނުސާފުވެފައިވާ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ލަފާކޮށްފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ވައި ހުރީ ނުރައްކާތެރި މިންވަރަކަށް މަތިވެފައެވެ. އެފަހުން މިމަހުގެ 19 ވަނަ ދުވަހު ރާއްޖޭގެ ވައި ސާފުވެފައިވާކަމަށް މެޓް އޮފީހުން ބުންޏެވެ. ނަމަވެސް މިހާރު އަނެއްކާވެސް ކޮންމެވެސް ވަރަކަށް ވައި ނުސާފު ކަމަށް މެޓުން މިވަނީ ބުނެފައެވެ. https://sun.mv/219420 ވައި ސާފު މިންވަރު ދައްކައިދޭ 'އައިކިއު އެއާ'ގައިވާ ގޮތުން، މިއަދު މާލެ ސަރަހައްދުގެ ވައިގެ ކޮލެޓީ ހުރީ 83 ގައެވެ. އެއީ ވައި ނުސާފު މިންވަރުގެ މެދުމިންވަރު ނުވަތަ 'މޮޑަރޭޓް' ލެވަލްއެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ވައިގެ ކޮލެޓީ 68 ގައި ހުރިއިރު، އެންމެ ދެކުނުގެ އަތޮޅުތަކުގައި ހުރީ 60ގައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ވައި ކުޑަކޮށް، ނުސާފުކޮށް ދެއްކި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ވައި ސާފުވާނެއެވެ. ރާއްޖޭގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެހެންނަމަވެސް އާންމުގޮތެއްގައި މުޅި ރާއްޖެއަށް ވެސް މޫސުން ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން ވައިގެ ބާރުމިން އުޅޭނީ ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދު ކަމަށާއި ރާއްޖޭގެ ކަނޑުތައް ވެސް މަޑުވާނެކަމަށް، މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ހޫނުމިންވެސް ރެކޯޑު މިންވަރަކަށް ގަދަ ދުވަސްވަރެކެވެ. އެގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ހޫނުމިން އިހުސާސް ކުރެވޭ މިންވަރު ހުރީ 35 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހޫނު ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވައި ނުސާފުވަމުން ދާނަމަ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ. އެގޮތުން، ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމާއި ބޭރަށް ނުކުންނަ ހާލަަތްތަކުގައި މާސްކު ބޭނުންކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ