ސަރުކާރު ޓެކްސީ ލައިން: ހަނި މަގުތަކުގައި ދުއްވަން ކުދި ކާރުތައް ގެނެސްފި
ސަރުކާރުން ފަށަން ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ތެރެއިން، ހަނި މަގުތަކަށް ޚާއްސަ، ކުދި ސައިޒުގެ ކާރުތައް ގެނެސްފިއެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ޓެކްސީ ލައިނަށް 150 ކާރު ބޭނުން ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ފުރަތަމަ 60 ކާރު ވަނީ މިމަހުގެ 24 ވަނަ ދުވަހު މާލެ ގެނެސްފައެވެ. އެއީ ޑީޕަލް S05 ސައިޒުގެ 60 ކާރެވެ. މި ކާރުތަކުގައި ހަތަރު ސީޓު ހިމެނޭއިރު، މި ކާރުތަކުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އެރުވުމަށް ބޭނުން ކުރެވޭނެއެވެ. https://sun.mv/219620 'ސަން' އަށް އެނގިފައިވާ ގޮތުން ޓެކްސީ ލައިންގައި ބޭނުންކުރާނެ އެންމެ ކުދި ސައިޒުގެ ކާރުތައް ކަމަށްވާ، "ލޫމިން" ސައިޒުގެ ކާރުތައް މިހާރު ވަނީ ގެނެސްފައެވެ. މި ސައިޒުން ގެނައުމަށް ހަމަޖެހިފައިވަނީ 70 ކާރެވެ. ތިން ފަސިންޖަރުންގެ ޖާގައިގެ މި ކާރުތަކަށް ކާގޯ ސްޕޭސް ނުވަތަ ޑިކީއަށް ކުދި ސައިޒުގެ ލަގެޖުތައް ލެވޭނެއެވެ. މީގެ އިތުރުން ޓެކްސީ ލައިނަށް ދެން ގެންނަން ހަމަޖެހިފައިވަނީ ޑީޕަލް S07ގެ 20 ކާރެވެ. މިއީ އެއާޕޯޓާއި، ދިގު ދަތުރުތަކަށް ޚާއްސަ ކުރާ ކާރުތަކެވެ. އެގޮތުން މި ކާރުތަކުގައި ހަތަރު ފަސިންޖަރުން އުފުލޭނެއެވެ. އަދި މި ކާރުތަކުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އެރުވުމަށް ބޭނުންކުރެވޭނެއެވެ. https://x.com/MTCCPlc/status/2038488641761321168 ފާހަގަކުރެވޭ ގޮތުގައި، ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަން މިދިޔަ ނޮވެންބަރު މަހު އިއުލާނުކުރިއެވެ. އެއީ 285 ފުލްޓައިމް ޑްރައިވަރުނާއި، 122 ޕާޓްޓައިމް ޑްރައިވަރުންނެވެ. އަދި ޖަނަވަރީ މަހުގެ މެދުތެރޭ ވޯކް-އިން އިންޓަވިއުއެއް ވެސް ބޭއްވިއެވެ. އެހެންނަމަވެސް އަނެއްކާ މިފަހުން ވަނީ 107 ޑްރައިވަރުން ނެގުމަށް އިއުލާންކޮށް، ވޯކިން އިންޓަވިއު ވެސް ބާއްވާފައެވެ. މީގެ އިތުރުން ޓެކްސީ ލައިނަށް ނެގި ޑްރައިވަރުން ދެ ބެޗަކަށް ބަހާލައިގެން، އެމީހުންނަށް ބޭނުންވާ ތަމްރީނުތައް، އެމްޓީސީސީއިން ވަނީ ބާއްވާފައެވެ. https://sun.mv/219097 ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތަކެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ. މީގެ އިތުރުން އެމްޓީސީސީ އިން ވަނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ