އައްޑޫސިޓީގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވައިފި

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫސިޓީގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
(އެންސްޕާ) އަދި އާސަންދައިގެ ޚިދުމަތްދޭ އޮފީހެއް މިއަދު ހުޅުވައިފިއެވެ.
މިއީ އައްޑޫ ސިޓީގައި އާސަންދަ އަދި އެންސްޕާގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް
ގާތުން ޚިދުމަތް ދިނުމުގެ މަގުސަދުގައި، ހުޅުވި އޮފީހެކެވެ.
މިކަމަށްޓަކައި ހިތަދޫގައި
މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވްލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމްއެވެ. މި ރަސްމިއްޔާތުގައި
މިނިސްޓަރުގެ އަރިހުގައި އެންސްޕާގެ ސީ.އީ.އޯ ހީނާ ވަލީދު އަދި އާސަންދަ ކުންފުނީގެ
މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއާއި، އައްޑޫ
ސިޓީގެ ދާއިރާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި،
ސަރުކާރުގެ އެކި އޮފީސްތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑުސިީގައި އެންސްޕާގެ އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން..
އެންސްޕާއިން ބުނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް،
އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް
އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއަދު ހުޅުވުނު އޮފީހުގެ ސަބަބުން މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި
އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް
ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް ލިބިގެންދާނެއެވެ. އެންސްޕާއިން ބުނީ ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ރައްޔިތަކު
ދިރިއުޅޭ ރަށަކުން ނުވަތަ ސަރަހައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން
މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން
ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، މި ސަރުކާރުގެ ސިޔާސަތަކީ މާލެއަށް
އެކަނި މަރުކަޒުވެފައިވާ ޚިދުމަތްތައް ރަށްރަށަށް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް
ގާތުން އެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އަދުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދަނީ ހަމައެކަނި މާލެއަށް މަރުކަޒުވެފައި އޮތް ޚިދުމަތްތައް ރަށްރަށަށް ބަހާލައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް. މިއަދު މި ހުޅުވުނު އޮފީހުގެ ސަބަބުން، އިޖުތިމާއީ ރައްކާތެރިކަމުގެ އެހީއަށް އެދުމާއި، ބޭސްފަރުވާގެ ކަންކަމުގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ހޯދުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދިޔުމަށް މަގުފަހިވެގެންދާނެ
މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް
މި  އޮފީސް ހުޅުވުމާއެކު، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން
ބޭސްފަރުވާއަށް އާސަންދަ ހޯދުމަށާއި އިޖުތިމާއީ ރައްކާތެރިކަމުގެ އެކި އެހީތަކަށް
އެދި ހުށަހެޅުމުގައި މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެގެންދާނޭކަމަށް އެންސްޕާއިން ބުނެއެވެ. ހުވަދު
އަތޮޅާއި ފުވައްމުލަކު ސިޓީ ހިމެނޭހެން ދެކުނުގެ ސަރަހައްދަށް އަމާޒުކޮށް ފުޅާކުރި
މި ޚިދުމަތުގެ ސަބަބުން، އެންސްޕާ އަދި އާސަންދައާ ގުޅުންހުރި ލިޔެކިޔުންތައް
ހުށަހެޅުމާއި، އެކަންކަމުގައި ޖަވާބެއް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް
އަވަސްވެ، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ