ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ޝަރީފު ވިދާޅުވީ އަމާޒަކީ 2028 ވަނަ އަހަރު ނިމުމުގެ ކުރިން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުން ކަމަށާއި، ގާބިލު ދިވެހި ކުންފުންޏަކާ ނުވަތަ ކުންފުނިތަކަކާ މި މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން ޖުމްލަ 3800 ޔުނިޓް ތަރައްގީކުރެވިގެންދާނެ ކަމަށާއި، އުއްމީދަކީ ދާދި އަވަހަށް އެ 540 ޔުނިޓްގެ މަސައްކަތްތައްވެސް ފެށިގެން ދިޔުން ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ހުރިހާ އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާކަން ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
ޝަރީފް ވަނީ ގައުމުގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން މި މަޝްރޫއުގައި ބައިވެރިވީ ހަމައެކަނި ރެގިއުލޭޓަރީ ޝަރުތެއް ފުރިހަމަކުރުމުގެ ބަދަލުގައި، އެއީ ބޭންކުން ފަހުރުވެރިކަމާއެކު އަދާކުރަންޖެހޭ ގައުމީ ޒިންމާއެއް ކަމަށް ދެކިގެންކަމަށް ވިދާޅުވެފައެވެ. އަދި ގައުމެއްގެ އިގްތިސާދީ ކުރިއެރުމާއި، އެ ގައުމެއްގެ ބޭންކިން ނިޒާމު ވަރަށް ބޮޑަށް ގުޅިލާމެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖުމްލަ 3,260 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ މި ބިޔަ މަޝްރޫއުގެ ދަށުން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 1,706 ޔުނިޓެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ރޭ ބިންގާ އެޅުނު 1,190 ޔުނިޓާއެކު ޖުމްލަ 2,896 ޔުނިޓްގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ބާކީ ހުރި 364 ޔުނިޓްގެ ބިންގާ މިރޭ ވަނީ އެޅިގެން ގޮސްފައެވެ.
އެފޯޑަބަލް ހައުސިން: 2028 ނިމުމުގެ ކުރިން އިތުރު 540 ޔުނިޓް ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ