ޗާގޯސްގެ ރަށްތަކުގައި މީހުންނަށް ދިރިއުޅެވޭނެކަމަށް ކޯޓުން ކަނޑައަޅައިފި

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ސުޕްރީމް ކޯޓުން، ޗާގޯސްގެ ބޭރު ރަށްތަކުގައި މީހުންނަށް ދިރިއުޅުން މަނާކުރާ ގާނޫނު މިއަދު ބާތިލުކޮށްފިއެވެ. މިއީ ރާއްޖޭގެ މަސްލަހަތާ ވަރަށް ގުޅުންހުރި މައްސަލައެކެވެ. ސަބަބަކީ މި ސަރުކާރުން ވަކާލާތު ކުރަނީ ޗާގޯސްއަކީ ދިވެހީންގެ ތަނެއް ކަމަށެވެ. މިއަދުގެ ނިންމުމާއެކު، 2004 ވަނަ އަހަރުން ފެށިގެން ޗާގޯސްގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ދިއުމަށް އޮތް ހުރަސް ވަނީ ނިމުމަކަށް އައިސްފައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ، ފާއިތުވި ފެބްރުއަރީ މަހު ޗާގޯސްގެ ހަތަރު މީހަކު ހިމެނޭހެން ނުވަ މީހުންގެ ގްރޫޕަކުން ޑިއޭގޯ ގާސިއާއާ 135 މޭލު ދުރުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އީލް ޑޫ ކޮއިންއަށް އެރުމުން، އެމީހުން އެތަނުން ފޭބުމަށް އިނގިރޭސި ސަރުކާރުން އެންގުމާ ގުޅިގެންނެވެ. ބީއައިއޯޓީގެ ޗީފް ޖަސްޓިސް ޖޭމްސް ލުވިސް ނެރުއްވި ހުކުމުގައި ވިދާޅުވީ، މުޅި އާބާދީއެއް، އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ ބާރު އޮންނަން ވާނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި، ހަމައެކަނި އިދާރީ ބޭނުމަކަށް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ސަބަބުން، ސަލާމަތީ ސަބަބުތަކަށްޓަކައި މީހުން ވަޒަންވެރިވުން މަނާކުރުމުގެ ހުއްޖަތް މިހާރު ނެތް ކަމަށް ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށްފަހު، ޑިއޭގޯ ގާސިއާގައިވާ އަސްކަރީ މަރުކަޒު 99 އަހަރަށް ކުއްޔަށް ހިފުމަށް އެއްބަސްވެފައެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ "ވަރަށް ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ މި އެއްބަސްވުމަށް ފާޑުވިދާޅުވެފައެވެ. އިނގިރޭސި ޚާރިޖީ ވުޒާރާއިން ބުނީ ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ޝެޑޯ ފޮރިން ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ވަނީ، ބޮޑުވަޒީރު ކިއާ ސްޓާމާ ޗާގޯސްގެ ރައްޔިތުންނާ މެދު އަމަލުކުރައްވަނީ "އުނދަގުލެއް" ގޮތަށް ކަމަށް ސިފަކުރައްވައި، މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ