އިޒްރޭލު ބޭނުންވަނީ ނިމުމެއް ނެތް ހަނގުރާމައެއް، އީރާނާ ސުލްހަވިޔަނުދޭން ބަޔަކު އެބަ ހަރަދު ކުރޭ: ޖޭޑީ ވެންސް

އީރާނާ އެކު އެމެރިކާއިން ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅަން އިޒްރޭލު ސަރުކާރުގެ ވަކި ބަޔަކު އަޑީގައި ތިބެގެން މީހުންގެ ވިސްނުން ބަދަލުކުރުމަށް ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގަމުންދާ ކަމަށާއި އިޒްރޭލުން ބޭނުންވަނީ އަމާޒެއް ނެތް ދާއިމީ ހަނގުރާމައެއް ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ. 
އެމެރިކާގެ މަޝްހޫރު ޕޮޑްކާސްޓް "ދަ ޖޯ ރޯގަން އެކްސްޕީރިއަންސް" ގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބައެއް ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވެންސް ވަނީ އެމެރިކާ-އީރާންގެ އެއްބަސްވުން ފެއިލްކޮށްލަން ބަޔަކު ބޮޑެތި ހަރަދުތައް ކޮށްގެން މީޑިއާ ކެމްޕެއިންތައް ހިންގާ ކަމަށް ވިދާޅުވެފަ އެވެ. 
މި އިންޓަވިއުގައި އޭނާ ވިދާޅުވީ ޖިންސީ ކުށްތައް ސާބިތު ޖަލަށް ލާފައި ހުއްޓާ މަރުވި ޖެފްރީ އެޕްސްޓީންގެ ސިއްރު ފައިލްތައް އާންމުކުރުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް ބޮޑެތި ގޯސްތަކެއް ހެދިފައިވާ ކަމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ. 
ވެންސް، އިޒްރޭލުގެ ނަން ނުގެނެސް ވިދާޅުވީ އީރާނާ އެކު އެމެރިކާއިން ގާއިމުކުރާ އެއްބަސްވުންތައް ރޫޅާލުމަށް ބޭރުގެ ނުފޫޒުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ހަދަން މަސައްކަތްކުރާ އެއްބަސްވުން ރޫޅާލުމަށްޓަކައި، ބޭރުގެ ނުފޫޒު ފޯރުވާ ކެމްޕޭނަކަށް ސީދާ ފަންޑު ކުރަމުން އެބަދޭ. އެ ފައިސާ ލިބުނު ގިނަ ބަޔަކު ދަނީ މުޅިން ހަގީގަތާ ހިލާފު ދޮގު ގޮތްގޮތަށް އަޅުގަނޑަށް ހަމަލާދެމުން،" ވެންސް ވިދާޅުވި އެވެ.
ވެންސް ތުހުމަތުކުރެއްވި ގޮތުގައި، "އިޒްރޭލު ސަރުކާރުގެ ވަކި ބަޔަކު" އީރާނާ އެކު އެއްވެސް މަޝްވަރާއެއް ނުކުރުމަށް ގޮވާލައި ސީދާ އޭނާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ދަނީ ހަމަލާދެމުންނެވެ. މިއީ ފައިސާދީގެން ހިންގާ ކެމްޕެއިނެއް ކަމަށާއި ބޭނުމަކީ އަސްކަރީ ހަމަލާތައް މެދުކެނޑުމެއްނެތް ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންނަށް ވަރުގަދަ ރައްދެއް ދެއްވަމުން ވެންސް ވިދާޅުވީ އެހެން ވާހަކަ ދައްކައިގެން 'ވާނެ އެއްވެސް ކަމެއް ނޯންނާނެ' ކަމަށެވެ. އަބަދުވެސް ކުރާނީ އެމެރިކާގެ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމަށާއި އެމެރިކާ އިސްކުރުމުގެ ސިޔާސަތު ދޫނުކުރާނެ" ކަމަށް ވިދާޅުވި އެވެ.
ވެންސް ވިދާޅުވީ އިޒްރޭލުގެ ބައެއް ވެރިން ބޭނުންވަނީ ހަނގުރާމަ ދިގުދަންމަން ކަމަށްވީ ނަމަވެސް، އެމެރިކާގެ އަމާޒަކީ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުނަ ނުދީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުން ކަމަށެވެ.
މި އިންޓަވިއުގައި ޖޯ ރޯގަން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑެތި ކުށްތަކެއް ސާބިތުވެ، ޖަލުގައި ހުއްޓާ މަރުވި ޖެފްރީ އެޕްސްޓީންގެ ސިއްރު ފައިލްތައް އާންމުކުރުން ޓްރަމްޕްގެ ސަރުކާރުން ލަސްކޮށް، އެކަމުގައި ހިންގި ދެފުށް ނުފެންނަ ސިޔާސަތުތަކާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ.
ވެންސް ވިދާޅުވީ، ކުރީގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ، އެޕްސްޓީންގެ ކްލައިންޓުންގެ ލިސްޓު އޭނާގެ މޭޒުމަތީގައި އެބައޮތް ކަމަށް ވިދާޅުވެ، ހަގީގަތަށްވުރެ ބޮޑުކޮށް ވާހަކަދެއްކެވުމުން އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދުނު ކަމަށެވެ.
"އަހަރެމެންނަށް އެޕްސްޓީން ފައިލްތަކުގެ ވާހަކަ ދެއްކުނީ ވަރަށް ގޯސްކޮށް.  ހަމަ އަސްލަށް ވެސް އެކަން ކުރެވުނީ ގޯސްކޮށް. އެކަމަކު އޭގެ މާނައަކީ އަހަރެމެން އެއްވެސް ކަމެއް ފޮރުވަން އުޅުނީހޭ؟ ނޫން،" ވެންސް ވިދާޅުވި އެވެ.
ވެންސް ވިދާޅުވީ ބޮންޑީ އަމަލުކުރެއްވީ އެވަގުތުގެ ސިޔާސީ އޮއިވަރަށް ބައްލަވައިގެން ކަމަށާއި، އެކަމުގެ ސަބަބުން އާންމުންގެ ބޮޑު ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވެ، އިތުބާރު ގެއްލުނު ކަމަށެވެ.
މީގެ އިތުރުން، އެޕްސްޓީންގެ މައްސަލައިގެ ސިއްރުތައް ބޭނުންކޮށްގެން އިޒްރޭލުން ޓްރަމްޕް ބްލެކްމެއިލްކޮށް، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުވަން މަޖުބޫރުކުރި ކަމަށް ދެކެވޭ ކޮންސްޕިރެސީ ތިއަރީތައް ވެންސް ވަނީ މުޅިން ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ފައިލްތަކުގައި ޓްރަމްޕާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި، ޑިމޮކްރެޓުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ