ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި އޭނާ އާއިލާއާ ގުޅުން އޮންނަ 10 ވިޔަފާރި ގްރޫޕަކާ ގުޅުންހުރި 760 ބިލިއަން ޓާކާ (ގާތްގަނޑަކަށް 6.2 ބިލިއަން އެމެރިކާ ޑޮލަރު) ގެ މުދަލާއި ފައިސާ އެގައުމުގެ ސަރުކާރުން ހިފަހައްޓައިފި އެވެ.
ދަރިވަރުން އިސްވެ ތިބެ 2024 ވަނަ އަހަރު ހިންގި ވަރުގަދަ މުޒާހަރާތަކަކަށްފަހު، ހަސީނާގެ ވެރިކަން ވައްޓާލުމުން އޭނާ ވަނީ ފިއްލަވައިގެން، އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފަ އެވެ. އެއަށްފަހު، ބަންގްލަދޭޝްގެ އާ ސަރުކާރުން ދަނީ ހަސީނާގެ 15 އަހަރުވީ ހަރުކަށި ވެރިކަމުގައި ނާޖާއިޒު މަންފާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަސީނާގެ އާއިލީ ބޭފުޅުންނާއި ބޮޑެތި ވިޔަފާރިތަކުގެ މާލީ މުއާމަލާތްތައް ތަހުގީގު ކުރަމުންނެވެ.
ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ބުދަ ދުވަހު ބުނި ގޮތުގައި، ހިފެހެއްޓި މުދަލުގެ ތެރެއިން 570 ބިލިއަން ޓާކާގެ މުދަލަކީ ބަންގްލަދޭޝްގައި ހުރި ތަކެއްޗެވެ. އަދި ބާކީ 190 ބިލިއަން ޓާކާ ހުރީ ބޭރު ގައުމުތަކުގަ އެވެ.
އެ އިދާރާގެ ވެރިޔާ އިޚްތިޔާރު މުހައްމަދު މައުމޫން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ހަސީނާ އާއި އާއިލާއާ ގުޅުންހުރި ފަރާތްތަކުގެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 98 މައްސަލައެއް ބަލަން ފަށާފައިވާ ކަމަށެވެ.
"ގައުމުން ބޭރަށް ގެންގޮސްފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން. މިއަހަރުގެ ނިޔަލަށް މިކަމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރަން،" މައުމޫން ވިދާޅުވި އެވެ.
ވެރިކަން ވެއްޓުނު ފަހުން، ހަސީނާގެ ޣައިރު ހާޒިރުގައި ގިނަ މައްސަލަތަކެއް ބަލައި، ކޮރަޕްޝަނުގެ މައްސަލަތަކެއްގަ އާއި ވެރިރަށް ޑާކާގެ އަގުބޮޑު ސަރަހައްދަކުން ބިންތަކެއް ބެހި މައްސަލައިގައި ހަސީނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ. މީގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި ކޯޓުން ވަނީ ހަސީނާ މަރަން ވެސް ހުކުމް ކޮށްފަ އެވެ.
އޮގަސްޓް 2024 އިން ފެށިގެން ހަސީނާ އުޅުއްވަނީ އިންޑިއާގަ އެވެ. ނަމަވެސް، މިއަހަރުގެ ނިޔަލަށް އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހްމަދު ވިދާޅުވީ، ސަރުކާރުން ދަނީ ހަސީނާ އެ ގައުމާ ހަވާލުކުރުމަށް އެދެމުން ކަމަށާއި، ބޭނުމަކީ އަދުލުއިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުން ކަމަށެވެ.
"ކޯޓުގެ ހުކުމް ތަންފީޒު ކުރެވޭނެ. އިސްތިއުނާފު ކުރުމުގެ ފުރުސަތެއް އޮތްތޯ ނުވަތަ ނޫންތޯ ނިންމާނީ ކޯޓުން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ. -- އޭއެފްޕީ
ހަސީނާއާ ގުޅުން ހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ