އާމްދަނީ %10.2 އިތުރުވެ، ޚަރަދުތައް %8.6 ދަށަށް

މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 10.2 އިންސައްތަ އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގެ ތެރޭގައި ދަޢުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ދަޢުލަތުގެ ޚަރަދު ވަނީ 8.6 އިންސައްތަ ދަށްވެފައެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާގޮތުގައި މިހިންގާ މާރިޗުމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 10.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 10.2 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.6 ބިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ 8.6 ބިލިޔަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81 އިންސައްތައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ ޓެކްސް، ޓީޖީއެސްޓީއިން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިޔަން ރުފިޔާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މުދަލާއި ޚިދުމަތުގެ ޓެކުހުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދާއިރާއެވެ. މީގެ އިތުރުން، ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 59.0 އިންސައްތަ އިތުރުވެ، 324.8 މިލިޔަން ރުފިޔާއިން 516.4 މިލިޔަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ 14.7 އިންސައްތަ އިތުރުވެ، 332.5 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީވެސް ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ކަމަށް މާލީ ވުޒާރާއިން އާންމުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޚަރަދުތަކަށް ބަލާއިރު، މިމަހުގެ 26ވަނަ ދުވަހާއި ހަމައަށް ޖުމްލަ 8.4 ބިލިޔަން ރުފިޔާ ދަޢުލަތުން ޚަރަދުކޮށްފައިވެއެވެ. އެގޮތުން މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 8.8 އިންސައްތަ އިތުރުވެ 891.2 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ޚަރަދުތައްވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 137.5 އިންސައްތަ އިތުރުވެ، 442.7 މިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި މުޅި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 933 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއަށް ޖުމްލަ 520.6 މިލިޔަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިޔަން ރުފިޔާވެސް ހިމެނޭ ކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުފައެވެ. އަދި އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މާލީ ހާލަތު ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ