ލޯކަލް ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ރިފަރެންޑަމް ވޯޓަށް ހަތަރު ދުވަހަށް ވެފައި ވަނިކޮށް، ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކުގެ ކުލި ކަނޑާލުމަކީ ރިޝްވަތު ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.
ޕީއެންސީގެ ރަޖިސްޓްރާ އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް އަދަދު ވިދާޅުވީ ރައްޔިތުންނަށް ކަންކަމުގައި ލުއިދީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށްވާއިރު، އެއީ ރިޝްވަތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ރައްޔިތުންނަށް ހިދުމަތެއް ދިނުމަކީ ރައްޔިތުންނަށް ކަންކަމުގައި ލުއި ދިނުމަކީ އެއީކީ ރިޝްވަތެއް ނޫން އެނގޭތޯ. އެއީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް. އަދި ހަމަ އެއާއެއްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީވެސް އެވަގުތެއްގައި އޮންނަ ސަރުކާރަކުން ކޮށްދެވެން އޮވެއްޖެ ކަމަށްވަންޏާ ކޮށްދޭންޖެހޭ ކަންތައްތައް،" ޝަކީލް ވިދާޅުވި އެވެ.
އިންތިހާބާ ދިމާކޮށް ކުރިއަށް އޮތް ދެ އަހަރު ވަންދެން ހިޔާ ފްލެޓުތަކަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމުމުން އެކަން "ޓުވިސްޓު" ކޮށްގެން ރިޝްވަތު ކަމަށް ބުނުމަކީ މަސްލަހަތާ ދެކޮޅު ވާހަކައެއް ކަމަށް ޝަކީލް ވިދާޅުވި އެވެ.
"އެހެންވީމަ އޭތި [ދެ އަހަރުގެ ކުލި ކަނޑާލުން] ޓުވިސްޓުކޮށްގެން ރިޝްވަތު ކަމަށް ބުނުމަކީ ރައްޔިތުންގެ މަސްލަހަތާ ދެކޮޅު ވާހަކައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި އެޗްޑީސީން ކަނޑާލީ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދު ކުރި ފައިސާގެ ބަދަލުގެ ގޮތުގައި ދޭން ބުނި ދެ ލައްކަ ރުފިޔާގެ ބާކީ ދައްކަން ނުޖެހޭ ގޮތަށް ހަދައިގެންނެވެ.
މިގޮތުން ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުލިބިވާ އަދަދު ކުލިން މާފުކޮށްދޭއިރު، ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދައްކައިވާ ފައިސާއެއް ހުރި ނަމަ، އެ އަދަދު ޑިސްކައުންޓުން އުނިކުރެ އެވެ. އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ނަމަ، ޑިސްކައުންޓަށްވާ ބައި އުނިކުރަނީ މަހަކު 5،300ރ. (އަންނަ މަހުން ފެށިގެން ހިޔާ ފްލެޓެއްގެ ކުލި) ރޭޓުންނެވެ.
އެޗްޑީސީން ޖަހާފައިވާ ހިސާބުތަކުގައި ވަނީ ފިނިޝިން ޑިސްކައުންޓުގެ ގޮތުގައި ނުދެވިވާ އަދަދަކި 135،714.35ރ. ކަމަށެވެ. މިހެން ކަމުން ގަވާއިދުން ކުލި ދައްކަމުން އަންނަ މީހުން ކުރިއަށް އޮތް 25 މަސް (ދެ އަހަރާއި އެއް މަސް) ވަންދެން ކުލި ދައްކާކަކަށް ނުޖެހެ އެވެ. ނަމަވެސް މެއިންޓެނަންސް ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ދައްކަން ޖެހެ އެވެ.
ސަރުކާރުން ފިނިޝިން ލުއިދިނުމާއެކީ، އަނެއްކާ ވެސް ހިޔާ ފްލެޓުތަކުގެ ކުލި މި ވަނީ ބޮޑުވެފަ އެވެ. މި ސަރުކާރުން ވަނީ މެއިންޓެނަންސް ފީ ނުލައި ހިޔާ ފްލެޓެއްގެ މަހު ކުއްޔަކީ، 3،984ރ. ކަމުގައި ކަނޑައަޅާފަ އެވެ.
އެކަމަކު މިހާރު ގެނައި ބަދަލާއެކީ، މި ސަރުކާރުން ހަވާލުވީއިރު ހުރި 5،300ރ. ގެ ރޭޓަށް ކުލި މި ވަނީ ބޮޑުވެފަ އެވެ. މިއީ އެމްޑީޕީ ސަރުކާރުގައި ކުލި ކުޑަކުރިއިރު ކަނޑައެޅި ރޭޓެވެ.
ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލުމަކީ ރިޝްވަތެއް ނޫން: ޕީއެންސީ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލުމަކީ ރިޝްވަތެއް ނޫން: ޕީއެންސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ