ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެމްޕެއިން އިވެންޓެއްގައި ބައިވެރިވާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އުމްރާ ދަތުރެއް ދޭން ނިންމައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި މިރޭ ބާއްވާ އިވެންޓަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އަބްދުﷲ އަތޫފް އާއި އާމިނަތު ލީނާގެ ފަރާތުން ދޭ ބިލެތްމީރުކޮށްލުމެކެވެ.
"މި ހަފްލާގެ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، އުމްރާ ދަތުރެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައި،" މެދުހެންވޭރު ދާއިރާގެ ރައްޔިތުންނަށް ފޮނުވި މެސެޖުގައި ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އެ އިވެންޓާ ގުޅޭގޮތުން އަބްދުﷲ އަތޫފް ގެ ބަހެއް ހޯދުމަށް މި ނޫހުން އިން ގުޅުމުން އެއްވެސް އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފަ އެވެ.
އަބްދުﷲ އަަތޫފްގެ ކެމްޕެއިން މެނޭޖަރު އަދަދު އަށް ބުނީ އުމްރާ ދަތުރު ދެނީ މެދުހެންވޭރަށް ނިސްބަތްވާ މީހަކު ހިންގާ ދަ ޓްރެވެލާ ގްރޫޕުން ދޭ ދަތުރެއް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ކެމްޕެއިނާ ގުޅުވައިގެން ދޭ ދަތުރެއް ނޫން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ބިލެތްމީރުކޮށްލުމެއް މިއޮތީ. ބިލެތްމީރުކޮށްލުމުގައި ހަމަ ދާއިރާގެ ރައްޔިތުންގެ ތެރެއިން ބޭފުޅަކު އެއީ ހަމަ މެދުހެންވޭރުގައި ދަ ޓްރެވެލާ ގްރޫޕް ހިންގާ ބައެއް. އެބޭފުޅުންގެ އިވެންޓެއް އަސްލު ތިއީ. އެބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދެނީ. މިއީ ކެމްޕެއިނާ ގުޅުވައިގެން ނުވަތަ އެކަހަލަ ކަމަކާ ގުޅުވައިގެނެއް ނޫން،" އޭނާ ބުންޏެވެ.
ކެމްޕެއިން މެނޭޖަރު މިހެން ބުނި ނަމަވެސް، މެދުހެންވޭރު ދާއިރާގެ ރައްޔިތުންނަށް އަބްދުﷲ އަތޫފް އަދި އާމިނަތު ލީނާގެ ފަރާތުން ދައުވަތު ދީފައިވަނީ އެ ދެ ކެންޑިޑޭޓުން އިންތިޒާމުކުރާ ބިލެތްމީރުކޮށްލުމަކަށެވެ.
މިކަމާ ގުޅިގެން މެދުހެންވޭރުގެ ކައުންސިލަރަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މީކާއިލް މުހައްމަދު ރިޔާޒް ވިދާޅުވީ ހަފްލާގެ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަސް އުމްރާ ދަތުރެއް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނުމަކީ، ސީދާ ރިޝްވަތާއި ނުފޫޒުގެ އަމަލެއް ކަމަށެވެ.
"މާތްވެގެންވާ އަޅުކަމެއްގެ ނަން ބޭނުންކޮށްގެން، މީހުން އެއްކުރުމަށް ހިންގާ މިފަދަ ހަރަކާތްތަކަކީ އިންތިހާބީ އަދާލަތާ މުޅިން ހިލާފު ކަންކަން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިނު އެކި އިވެންޓުތަކުގައި ހަދިޔާ ބެހުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ކުއިޒްތައް ހިންގައިގެންވެސް އަންނަނީ ހަދިޔާ ދެމުންނެވެ. އެކަހަލަ ހަދިޔާތަކަކީ އިންތިހާބަށް ދޭ ރިޝްވަތު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެއިތުރުން ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާ ދޭ މައްސަލަ އާއި ރިޝްވަތަށް މަގުފަހިވާ އެކި ކަންކަން ކުރަމުންދާ ކަމަށް އިދިކޮޅު އެމްޑިޕީން ދަނީ ބުނަމުންނެވެ. ނަމަވެސް އޭގެއިން އެއްވެސް ކަމެއްގައި މިނިވަން މުއައްސަސާއަކުން ފިޔަވަޅެއް މިހާތަނަށް ނާޅަ އެވެ.
ޕީއެންސީގެ ކެމްޕެއިން އިވެންޓަށް ދާ އެކަކަށް އުމްރާ ދަތުރެއް ދެނީ ޕީއެންސީގެ ކެމްޕެއިން އިވެންޓަށް ދާ އެކަކަށް އުމްރާ ދަތުރެއް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ