ރަޝިޔާ- ޔޫކުރޭން ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި ޔޫކްރެއިންގެ މަންދޫބުން މިއާމީގައި ބޭއްވި މަޝްވަރާތައް ވަރަށް ބިނާކުރަނިވި އަދި ކާމިޔާބު ކަމަށް އެ ދެ ފަރާތުން ބުނެފި އެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އަދި މާ ބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ދެ ފަރާތުން ވެސް އެއްބަސްވެ އެވެ.
ޔޫރަޕްގެ އޮފިޝަލުންނާ އެކު ބޭއްވި ތިން ދުވަހުގެ މަޝްވަރާތަކަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އާއި ޔޫކްރެއިންގެ އިސް ނެގޯޝިއޭޓަރު ރުސްޓެމް އުމެރޯވްއާ އެކު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ދެ ބޭފުޅުންގެ ބަޔާނުގައި ބުނީ އެ ބައްދަލުވުމުގައި 20 ނުކުތާގެ ޕްލޭނަކާއި ސަރަހައްދީ ސެކިއުރިޓީ ގެރެންޓީ ފްރޭމްވޯކާއި އެމެރިކާ އިން ޔޫކްރެއިނަށްދޭ ސެކިއުރިޓީ ގެރެންޓީ ފްރޭމްވޯކް އަކާއި އިގްތިސާދީ ކުރިއެރުންތަކާ ގުޅޭ ޕްލޭނެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
މީގެ އިތުރުން އެމެރިކާ އާއި ރަޝިޔާގެ މަންދޫބު ކިރިލް ޑިމިޓްރީވް އާ އެކު މިއާމީގައި ވެސް މަޝްވަރާކުރި އެވެ.
"އަޅުގަނޑުމެން އެންމެން އިސްކަން ދެނީ މީހުން މެރުން ހުއްޓުވައި، ޔޫކުރޭންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ދިގު މުއްދަތުގެ ފާގަތިކަން ކަށަވަރު ކުރުން،" ބަޔާނުގައި ބުންޏެވެ.
މިއީ އެމެރިކާގެ ސުލްހައިގެ 28 ނުކުތާއާ ގުޅިގެން މިދިޔަ މަހު ލީކުވި ޑިޕްލޮމެޓިކް ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުގެ ބައްދަލުވުންތަކެވެ. އެ ޕްލޭންގެ ސަބަބުން ޔޫކްރެއިން އާއި ޔޫރަޕްގެ އެކުވެރި ގައުމުތަކަށް ހައިރާންކަން ލިބުނެވެ.
ވިޓްކޯފް ވިދާޅުވީ ރަޝިއާގެ މަންދޫބުންނާއި އޭނާ އާއި އެމެރިކާގެ އެހެން އޮފިޝަލުންނާ އެކު ފުލޮރިޑާގައި ވެސް ބައްދަލު ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވެސް ހިމެނެ އެވެ.
ރަޝިއާގެ މަންދޫބު ޑިމިޓްރިއޭވްއާ އެކު ބޭއްވި ބައްދަލުވުންތަކަކީ ވެސް އުފެއްދުންތެރި އަދި ބިނާކުރަނިވި ބައްދަލުވުންތަކެއް ކަމަށް ވިޓްކޯފް ވިދާޅުވި އެވެ.
އެމެރިކާ އާއި ޔޫކްރެއިންގެ މަޝްވަރާތައް ކާމިޔާބު ކަމަށް ދެ ފަރާތުން ވެސް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ