އީއާރުއޭގެ ހުއްދަތަކާ ހިލާފަށް ވެލި ނަގާ ކަމުގެ ޝަކުވާ؛ ފިޔަވަޅު އަޅަނީ

މާލެ އަތޮޅުގައި ކުރިއަށް ގެންދާ ފަޅު ހިއްކުމަށް ހުއްދަ ދީފައިވާ ބައެއް މަޝްރޫއުތަކަށް، ބައެއް ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް އެންވަޔަރަމެންޓަލް ރެގިޔުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އިން ބުނެފި އެވެ. 
މިފަދަ ކަންބޮޑުވުންތައް، ވީޑިއޯތަކާ އެކު ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.
ވީ ކިހިނެއް؟ - ހާއްސަކޮށް، ގަވައިދާ ހިލާފަށް ރިސޯޓުތަކުގެ އިމުގެ ތެރެއަށް ޑްރެޖަރުތައް ވަދެ އެ ސަރަހައްދުތަކުން ވެލި ނެގުމަކީ ތިމާވެއްޓަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސޯދަށް ވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް ބުނެ މީހަކު ކަންބޮޑުވުން ފާޅުކުރި އެވެ.
އީއާރުއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ހުއްދަ ދީގެން މާލެ އަތޮޅުގައި ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ލިބޭ ކަމަށެވެ.
ތަފްސީލް - ބައެއް ރިސޯޓުތަކުގެ ބައުންޑްރީ ތެރެއަށް ޑްރެޖަރުތައް ވަދެ، ރިސޯޓުގެ އިމުގެ ތެރެއިންވެލިނަގާ ކަމުގެ ޝަކުވާއާ އެކު ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މިއީ ފަތުރުވެރިންނަށް ވެސް ފެންނާނެ 'ހަޑި، ހުތުރު' މަންޒަރެއް ކަމަށާއި މީގެ ސަބަބުން ޓޫރިޒަމަށް ވެސް އަސަރު ކުރާނެ ކަމަށް އެފަދަ ވީޑިއޯއެއްގައި ފާހަގަ ކުރެ އެވެ.
މިއީ، ފަތުރުވެރިންގެ ކެމެރާތަކަށް ވެސް އަރާނެ ކަމެއް ކަމަށާއި ދުނިޔޭގެ ސޯޝަލް މީޑިއާ އަށް ވެސް މި މަންޒަރުތައް ގޮސް ރާއްޖޭގެ ޓޫރިޒަމުގެ 'އަގު ވެއްޓިދާނެ' ކަމަށް ވެސް އޭނާ ބުންޏެވެ.
ރިސޯޓާ ކައިރިން ވެލި ނަގާތީ ކަންބޮޑުވުން ފާޅުކޮށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓްރީ އަށް ބައެއް ރިސޯޓުތަކުން ވަނީ ޝަކުވާ ވެސް ހުށަހަޅައިފަ އެވެ.
ކަންބޮޑުންތަކާ އެކު ހުށަހަޅާފައިވާ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންތަކުގެ ތެރޭގައި؛
ރިސޯޓު ކައިރިން ވެލި ނެގުމުން ރިސޯޓުގެ މޫދުގެ ލޮނުގަނޑު ތަގައްޔަރުވުން
ފަޅުތެރޭގެ ދިރުންތަކަށް ނޭދެވޭ އަސަރު ކުރޭ
މިއާއެކު ސްނޯކްލިން ފަދަ އެކްސްކާޝަންތައް ކުރިއަށް ގެންދަން ދަތިވޭ
"މިފަދަ ކަންތަކުގެ ސަބަބުން ފަތުރުވެރިންގެ ތަޖުރިބާ އަށް އަސަރުކޮށް މުސްތަގުބަލުގައި ރިސޯޓު ބުކިންތަކަށް ވެސް އަސަރުކުރުން އެކަށީގެންވޭ،" ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީ އަށް ރަސްމީކޮށް ރިސޯޓަކުން ހުށަހެޅި ޝަކުވާގައިވެ އެވެ. 
މިފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް، ތިމާވެއްޓާ ބެހޭ އެސެސްމެންޓުތައް ފުރިހަމައަށް ކުރިއަށް ގެންގޮސް، އެ އެސެސްމެންޓުތަކުގައި ފާހަގަކޮށްފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކޮށްފަ އެވެ.
އީއާރުއޭ އަށް ލިބޭ ޝަކުވާތަކުގެ ތެރޭގައި؛
ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއްނެތި މަސައްކަތް ކުރުން
ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުން
 މޫސުން ގޯސްވެ މޯލްމެޓް އޮފީހުން ޔެލޯ އެލާޓު ރީނދޫ ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރުން
ޝަކުވާތައް ބަލަމުން އަންނަ ކަމަށާއި ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އީއާރުއޭ އިން ބުންޏެވެ.
އީއާރުއޭ އިން ވަނީ، މަޝްރޫއުތައް ކުރިއަށް ގެންދާއިރު އެ އިދާރާ އިން ފާސްކޮށްފައިވާ އީއައިއޭ ރިޕޯޓުތަކާއި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ