ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދިނުމަށާއި ޕޯޓަލް ބަލަން މާހިރެއް ގެންނަން އެދިއްޖެ

ކުރީގެ ސަރުކާރުގައި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދިން ކަމަށް ބުނާ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ހަތަރު ވެރިއެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި، އެ ސްކީމްގެ ޕޯޓަލް ބަލަން އެކްސްޕާޓެއް ކޯޓަށް ގެނައުމަށް މިއަދު އެދިއްޖެ އެވެ.
ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ގޯއްޗާއި ފްލެޓް ދޭން ކަނޑައެޅި ކޮމިޓީގައި އިސްކޮށް ތިއްބެވި ހަތަރު ބޭފުޅަކަށެވެ. އެ އެންމެންގެ މައްޗަށް ވެސް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުވާ އުފުލާފައިވާ ހަތަރު ބޭފުޅުންނަކީ:
އޭރުގެ ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަކްރަމް
ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް
ހައުސިން މިނިސްޓްރީގެ އޭރުގެ ޑިރެކްޓަރު ޖެނެރަލް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ވިޝާން ނަސީމް
ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ލިރުއާމް ވަހީދު
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށެވެ.
ތަފްސީލް - ދިފާއީ ވަކީލުންނަށް ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދިނުމަށާއި، އެ ޕޯޓަލް ބަލައި ޝަރީއަތަށް ހެކިބަސް ދޭން އެކްސްޕާޓެއް ގެންނަން ހުށަހެޅީ އަކްރަމާއި އާރިފްގެ ފަރާތުންނެވެ.
މި ހުށަހެޅުމާ ގުޅޭ ގޮތުން ދައުލަތުން ބުނީ:
އެއީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ޕޯޓަލްއަކަށް ވާތީ އެކްސެސް ނުވެދޭނެ ކަމަށް
ޕޯޓަލްގެ ލޮގްތަކާއި މައްސަލައާ ގުޅޭ މައުލޫމާތުތައް މިހާރު ވެސް ދިފާއަށް ދޫކޮށްފައިވޭ
އެކްސްޕާޓެއް ގެންނަން ކޯޓުން ބޭނުންވާނަމަ، ކޯޓުގެ އިސް ނެގުމުގައި އެކްސްޕާޓެއް ގެންނަން ބޭނުންނަމަ ގެނެވިދާނެ ކަމަށް
މި ހުށަހެޅުން ހިމެނޭ ގޮތަށް ހުށަހެޅުންތަކާ ގުޅޭ ގޮތުން މިއަދު ގޮތެއް ނުނިންމަ އެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ މި މަހުގެ ތެރޭގައި، ހުށަހެޅުންތަކާ ގުޅޭ ނިންމެވުމުންތައް ޝަރީއަތުން ނިންމަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ