މިދިއަ ހޮނިހިރުދުވަހު މިއާމީގައި އޮތް ބޮކްސިން މެޗުގައި ޔޫޓިއުބް ތަރި ޖެކް ޕޯލްގެ ކަންކަށިމަތީގައި ޖެހިލެއް ބާރުކަމުން އޭނާގެ ކޯ ކަށިގަނޑު ބިނދި، ދަތްތަކެއް ވެސް ނަގަން ޖެހުނެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ހެވީވެއިޓް ތެޅުންތެރިޔާ އެންތަނީ ޖޮޝުއާ އަތުން ހަވަނަ ބުރުގައި ބަލިވެގެން ހިތާމަކުރުމުގެ ބޭނުމެއް ޕޯލްއަކަށް ނެތެވެ: މި ތެޅުމުން ކޮންމެ މީހަކަށް މަދުވެގެން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ބެލެވެ އެވެ.
ޖޮޝުއާ ކަހަލަ ވަރުގަދަ ތެޅުންތެރިޔަކާ ކުރިމަތިލުމަކީ ވެސް ޕޯލްއަށް އަސްލު ކުޅަދާނަ ކަމެއް ނޫނެވެ. ޔޫޓިއުބުން ދުނިޔޭގެ ތަރިއަކަށް ވީ ފަހުން ބޮކްސިން ތަޅަން ފެށި ޕޯލްއަށް ވުރެ ހުރިހާ ގޮތަކުން ވެސް ޖޮޝުއަ ވަރުގަދަ އެވެ. އެކަމަކު ނެޓްފްލިކްސްގެ އާ ރޭވުންތެެރިކަމުގައި ބޮކްސިންއަކީ ވެސް މިހާރު ކުރިއަށް ވުރެ މާ ބޮޑު އާމްދަނީއެއް ލިބޭ ކުޅިވަރެކެވެ. އަސްލު ބޮކްސިން ބަދަލުވީ ލާރި އުފައްދާ މެޝިނަކަށެވެ. ޝޯއަކަށެވެ.
ކޯ ކަށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން 28 އަހަރުގެ ޕޯލްގެ ކޯ އޮތީ ދުޅަވެފަ އެވެ. އޮޕަރޭޝަންކޮށް ދެ ތަނަކަށް ޓައިޓޭނިއަމް ޕްލޭޓް ވެސް ލައްވަން ޖެހުނެވެ. އަދި ބައެއް ދަތްތައް ވެސް ނެގި އެވެ.
"އޮޕަރޭޝަން ދިޔައީ ރަނގަޅަށް. އެންމެންގެ ފަރާތުން ލިބުނު ސަޕޯޓާއި ލޯޯތްބަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" އިންސްޓަގްރާމްގައި ޕޯލް ލިއުނެވެ. "ކުރިއަށް އޮތް ހަތް ދުވަހު ހަމައެކަނި ދިޔާ އެއްޗެހިި ބޭނުންކުރަން ޖެހެނީ."
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ތެޅުމުން ޕޯލް އާއި ޖޮޝުއާގެ ތެރެއިން ކޮންމެ މީހަކަށް 92 މިލިއަން ޑޮލަރު ލިބެ އެވެ. ނަމަވެސް އެތެރޭގެ މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި މި މެޗުން ކޮންމެ ތެޅުންތެރިޔަކަށް ލިބޭނީ 40-50 މިލިއަން ޑޮލަރެވެ.
ކޮންމެ ގޮތެއް ވިޔަސް އެއީ ވެސް ބޮޑު އަގެއްތާ އެވެ.
50 މިލިއަން ޑޮލަރު ލިބެންޏާ ކޯކަށިގަނޑު ދިޔަސް މައްސަލައެއް ނެތެއްނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ