އެންމެންގެ ޝަކުވާއަކީ ސަރުކާރަށް ކަމެއް ނުވުން، ދައްކަނީ ހުސް ވާހަކަ: ޞާލިޙް

ހުރިހާ ރަށަކުން ވެސް އެ މަނިކުފާނަށް އިވިވަޑައިގަންނަވަނީ މި ސަރުކާރަށް ކަމެއް ނުވާކަމުގެ ޝަކުވާ ކަމަށާއި ހަމައެކަނި ކުރައްވާ ކަމަކީ ވާހަކަދެއްކެވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު އެ ފަދައިން ވިދާޅުވީ، ތ. ހިރިލަންދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން އެ ރަށު ބަނދަރުމަތީ ހުންނަވާ ދެއްވި އިންޓަވިއުއެއްގައެވެ. ޞާލިޙް ވިދާޅުވީ، ހިރިލަންދޫގެ ރައްޔިތުންގެ ވެސް ކަންބޮޑުވުމަކީ އެ މަނިކުފާނު ވަޑައިގެންނެވި އެހެން ރަށްރަށުގެ ވެސް ކަންބޮޑުވުން ކަމަށެވެ. "ކަމެއް ނުވާ ވާހަކަ މި ދައްކަނީ. ވާހަކައޭ ދައްކަނީ، ވާހަކައޭ ދައްކަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ. މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ޞާލިޙް ވިދާޅުވީ، މި ސަރުކާރަށް މިވީ ދެ އަހަރު އެއްވެސް ކަމެއް ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރަށްރަށަށް ވަޑައިގެން ހުސް ވާހަކަދައްކަވަނީ ކަމަށާއި ކުރިން ފަށާފައި ހުރި މަޝްރޫއުތައް ނުނިންމުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. https://sun.mv/215683 އެ ގޮތުން، ހިރިލަންދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލާއި އެޑްމިނިސްޓްރޭޓިވް ބައެއް ހިމެނޭ އިމާރާތުގެ މަސައްކަތް ވެސް އަދިވެސް ނުނިމޭ ކަމަށް އެ ރަށުގައި ހުންނަވާ އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އަންނަ މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިމާރާތެއް ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށް ޞާލިޙް ވިދާޅުވިއެވެ. މީގެ އިތުރުން، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް މިއިން ދުވަހަކު ނުނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ، އެމްޑީޕީން ގާތްގަނޑަކަށް 90 ޕަސެންޓު ނިންމާފައި އޮތް ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޞާލިޙް ވިދާޅުވީ، އެ ކަންކަމާ ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި ކަމަށެވެ. "ތިމަންނަމެން ބޭނުންވި އެއްވެސް މިސްރާބަކަށް ނޫނޭ މި ސަރުކާރުގެ މަސައްކަތްތައް މި ދަނީ،" އެ ރަށުން ބައްދަލުވި، ކުރިން ޕީޕީއެމްގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅަކު ވިދާޅުވި ކަމަށް ޞާލިޙް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ބޭފުޅުން ތިބީ ސަރުކާރާ މެދުގައި މާޔޫސްވެފައި ކަމަށާއި ގާނޫނުއަސާސީއަށް ވެސް އެންމެ ބޭފުޅަކު ބޭނުންފުޅުވާ ގޮތަށް އިސްލާހުތައް ގެންނާތީ އެ ބޭފުޅުން ނުރުހިފައި ތިބި ކަމަށެވެ. އެމްޑީޕީގެ އިސްވެރިން: އަލަށް އެކުލަވާ ތަރައްގީގެ ޕްލޭނަށް އަމަލުކުރާނެކަމުގެ ޔަގީންކަން ނެތުމުން އެކަމުގައި ބައިވެރިނުވާން އެމްޑީޕީން ވަނީ ނިންމާފައި ---- ސަން ފޮޓޯ/ ހުސައިން ހާފިޒު އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ޞާލިޙް ހިރިލަންދުއަށް ވަޑައިގަތީ އެ ރަށު ކައުންސިލްގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު މީގެ ކުރިން ވަނީ މާލެ ވަޑައިގަތުމަށް ފަހު މި ހަފުތާގައި އެކުގައި މަސައްކަތްކުރައްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ ތެރޭގައި އަންނަ ރިޔާސީ އިންތިޚާބާ ގުޅިގެން އެހާ އަވަހަށް ބައިބައިވުން އެބައޮތެވެ. ޞާލިޙްގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވިއިރު ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނާއި ޞާލިޙް ވެސް ފަހަތަށް ޖެހިވަޑައިގަތުން ކަމަށް ވިދާޅުވެފައެވެ. އެ ޕާޓީގެ ތެރޭގައި ވާދަވެރިކަން ބޮޑުވެ، ހަރަކާތްތައް ނުހިނގާކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ