ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބޭނުންކުރާ ކޮންމެ ޑްރެޖަރެއްގެ ފަހަތުގައި މީހެއް ބަހައްޓައިގެން އެ އުޅަނދުތަކުން ވެލި ނަގަނީ ހުއްދަ ދީފައިވާ ސަރަހައްދުތަކުންތޯ ބެލުމުގެ ގާބިލުކަން ނެތް ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލެ އަތޮޅުގައި ކުރިއަށް ގެންދާ ފަޅު ހިއްކުމަށް ހުއްދަ ދީފައިވާ ބައެއް މަޝްރޫއުތަކަށް، ބައެއް ސަރަހައްދުތަކުން ގަވައިދާ ހިލާފަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެ ކަންބޮޑުވުންތައް މިނިސްޓަރު ތޯރިގްގެ ބެލުމުގެ ދަށުގައި އިންނަ އެންވަޔަރަމެންޓަލް ރެގިޔުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ވެސް ކޮށްފައިވެ އެވެ. އެގޮތުން:
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ވަނީ މިކަމާ ގުޅޭ ގޮތުން ތޯރިގާ ސުވާލުތަކެއް ކުރިމަތިކުރުވާފައި
އަދި އެކަމުގައި މިނިސްޓަރުގެ ވިސްނުން ހާމަކުރެއްވި
ތަފްސީލު - ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ދެއްވި ޕްރެޒެންޓޭޝަންގައި ހިމަނުއްވާފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެ އަންނަ %80 ފަތުރުވެރިންނަކީ މި ގައުމުގެ ގުދުރަތީ ރީތިކަން ދެކިލުމަށް އަންނަ މީހުންނެވެ. އެހެންކަމުން، އެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތަށް ބިން ހިއްކުމުގެ މަޝްރޫއުތަކަށް ސަރުކާރުން ފުރުސަތު ދެއްވަނީ ކީއްވެގެންތޯ އެހީމެވެ. އަދި ރިސޯޓުތަކުގެ ކުރިމަތީގަ އާއި ރިސޯޓުތައް ގިނަ މާލެ ސަރަހައްދުތަކުން ވެލި ނަގަން ހުއްދަ ދެނީ ކީއްވެގެންތޯ ވެސް އެހީމެވެ.
"އާންމުކޮށް [ވެލި ނަގަން ހުއްދަ މި ދެނީ] ރީފް ލައިނުން ފެށިގެން 500 މީޓަރާ ދޭތެރޭގައި. ދެން ބޮޑު ސިންގާ ޑްރެޖަރުތަކެއް ވުމުން ވަރަށް ކައިރީގައި އޮންނަ ކަމަށް ފެންނަނީ،" ރިސޯޓުތައް ކުރިމަތިން ވެލި ނަގާކަމުގެ ޝަކުވާއަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާ އެކު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު އޭގެ 'އިމްޕެކްޓްސް' ނުވަތަ ތިމާވެށީގެ ގޮތުން ލިބޭ ގެއްލުން ހުންނާނެ ކަމަށެވެ. އަދި ސަރުކާރުން ކަންކަން ކުރަނީ އެ ގެއްލުންތައް މަދުކުރެވޭނެ ގޮތަށް މަޝްރޫއުތައް ހިންގުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން ކަމަކާ ހިލާފުވެގެން އަޅުގަނޑުމެން އެކަންތައްތައް އައިޑެންޓިފައިވެގެން އެއީ ޕްރޫވް އެއްޗެއް ކަމަށްވާ ނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ،" ތޯރިގު ވިދާޅުވި އެވެ.
ޑްރެެޖަރުތަކުން ވެލި ނަގާއިރު މިނިސްޓްރީގެ ފަރާތުން އެއްވެސް ވަރަކަށް މޮނީޓާކުރަންތޯ އެހުމުން ތޯރިގް ވިދާޅުވީ، "އެއް އިރެއްގައި ވެސް ޑްރެޖަރުތަކުގައި ތިބެގެން" މޮނީޓާކޮށް ނަހަދާ ކަމަށެވެ. ނަމަވެސް އެކަހަލަ ޝަކުވާއެއް ލިބުމުން އެކަމަށް އެޓެންޑް ކުރެވޭތޯ ބަލާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކެޕެސިޓީއެއް ވެސް ނުވަތަ ހިއުމަން ރިސޯސެއް ވެސް ނެތް ކޮންމެ ޑްރެޖަރެއްގައި މީހަކު ބަހައްޓައިގެން އެކަން ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް މައުމޫން ސަރުކާރުގައި ހުޅުމާލެ ހިއްކުމަށް ވެލި ނަގަން ހުއްދަދިނީ މާލެ އަތޮޅު ބޭރުންނެވެ. ޓުއަރިޒަމް މިހާ ފުޅާކޮށް އޮތް މި އަތޮޅުން ވެލި ނަގަން މިނިސްޓްރީން ހުއްދަ ދެނީ ކީއްވެގެންތޯ ވެސް އެހީމެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމަށްޓަކައި ވެސް ދުރު ހިސާބުތަކުން ވެލި ނަގަން ހުއްދަ ދީ، ތިމަވެށީގެ ހައްގުގައި ވެސް މިކަން މޮނީޓާ ކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރަންތޯ އެހީމެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަނެއްކާވެސް ވިދާޅުވީ، ތިމާވެށީގެ ހައްގުގައި ކުރަން ޖެހޭ ކަމަކީ، އެ ހިންގާ މަޝްރޫއުތަކަށް ތިމަވެށީގެ ގޮތުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަށް ބައްޓަން ކޮށްގެން އެކަން ކުރުން ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް ޑިވެލޮޕްމަންޓަކީ ވެސް އަންނަން ޖެހޭނެ ކަމެއް. އެކަންތައް ކުރާއިރު، ތިމަވެށިގެ ގެއްލުން ކުޑަ ކުރުން އަޅުގަނޑުމެންގެ ވިސްނުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރިސޯޓާ ކައިރިން ވެލި ނަގާތީ ކަންބޮޑުވުން ފާޅުކޮށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓްރީއަށް ބައެއް ރިސޯޓުތަކުން ވަނީ ޝަކުވާ ވެސް ހުށަހަޅައިފަ އެވެ.
ކަންބޮޑުންތަކާ އެކު ހުށަހަޅާފައިވާ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންތަކުގެ ތެރޭގައި؛
ރިސޯޓު ކައިރިން ވެލި ނެގުމުން ރިސޯޓުގެ މޫދުގެ ލޮނުގަނޑު ތަގައްޔަރުވުން
ފަޅުތެރޭގެ ދިރުންތަކަށް ނޭދެވޭ އަސަރު ކުރޭ
މިއާ އެކު ސްނޯކްލިން ފަދަ އެކްސްކާޝަންތައް ކުރިއަށް ގެންދަން ދަތިވޭ
"މިފަދަ ކަންތަކުގެ ސަބަބުން ފަތުރުވެރިންގެ ތަޖުރިބާއަށް އަސަރުކޮށް މުސްތަގުބަލުގައި ރިސޯޓު ބުކިންތަކަށް ވެސް އަސަރުކުރުން އެކަށީގެންވޭ،" ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީ އަށް ރަސްމީކޮށް ރިސޯޓަކުން ހުށަހެޅި ޝަކުވާގައިވެ އެވެ.
ކޮންމެ ޑްރެޖަރެއްގައި މީހެއް ބަހައްޓައިގެން ވެލި ނަގަނީ ރަނގަޅު ތަންތަނުންތޯ ބެލުމުގެ ގާބިލުކަމެއް ނެތް: ތޯރިގް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ