ކ. މާފުށީގައި ދާދި ފަހުން އޮތް ހަފްލާއެއްގައި ދެއްކެވި ވާހަކަފުޅު ގަސްތުގައި ނުބައިކޮށް ތަރުޖަމާކޮށް އޮޅުވާލީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ހާޓް އޮފް މާފުށި ނަމުގައި މާފުށި ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ރިސޯޓްތަކުގައި ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް ރަށްރަށުން ނުދެވޭކަން ފާހަގަކުރައްވައި ނަޝީދުވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"މިވަގުތުވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައިމިވާގޮތުން، ރިސޯޓްފަހަރުގައި ޓުއަރިސްޓުންނަށްދޭ ޚިދުމަތްތައް، ވިއްކާ ތަކެތި، ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން. އެއީ ބޭއިންސާފެއް. އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނާންޖެހޭނެ," ނަޝީދު އެ ރޭ ވިދާޅުވި އެވެ.
އޭގެ ކުރީން ނަޝީދު ވަނީ އެމަނިކުފާނަކީ އަބަދު ”ރަނގަޅު ވާހަކަ“ ދައްކަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑަކީ އަބަދު ރަނގަޅު ވާހަކަ ދައްކާ މީހެއް ނޫން. އުނދަގޫ ވާހަކަވެސް އަޅުގަނޑުދައްކަން. ރާއްޖޭގައި ތަޢުލީމުވެސް މަނާ ދުވަސްވަރެއް ދިޔަ. އަދި މީގެން ރަށަކަށް (މީހުން ދިރިއުޅޭ ރަށްރަށަށް) އެއްވެސް ފަތުރުވެރިއެއް އައުން މަނާ ދުވަސްވަރެއްވެސް ދިޔަ," ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ދެއްކެވީ ރަށްރަށުގަައި ހިންގާ ހޮޓާތަކުން ވެސް ރަލާއި އޫރުމަސް ލިބެން ޖެހޭ ވާހަކަ ކަަމަށް ބުނެ ވަރަށް ގިނަ ބަޔަކު ވަނީ ނަޝީދަށް ފާޑުކިޔާފަ އެވެ.
އެ ފާޑުކިޔުންތައް ވަރަށް ބޮޑުވުން ނަޝީދު ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ދައްކާ ވާހަކަ ސާފު ސީދާ މަށް ދިވެހި ބަހުން ދައްކާއިރުވެސް ކަނޑައެޅިގެން އިދިފުށަށް ދޮގު މާނައަށް ތަރުޖަމާ އީޖާދުކޮށްގެން މީސްމީހުންނަށް ގެއްލުންދޭން އުޅޭ ކަމީ ކަންބޮޑުވުން ހުރި ނުރައްކާތެރި ކަމެއް ކަމަށެވެ.
އަދި ވިދާޅުވީ ރިސޯޓް ފަހަރުގައި ލިބޭ އެެހެންނަސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމަ އެކަނި އެއްޗަކީ ރަލާއި އޫރުމަސް ނޫން ކަަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ކޮން ކޮން އެއްޗެއް ނުވަތަ ޚިދުމަތެއް ކަމެއް ސާފުކޮށް ވިދާޅެއް ނުވެ އެވެ.
"މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ," ނަޝީދު ވިދާޅުވި އެވެ.
ވާހަކަފުޅުގެ މާނަ އޮޅުވާލީ، ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ