ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ދާން، އެންގުމާ ޚިލާފަށް 3 ލައްކަ ރުފިޔާ ޚަރަދުކުރި: އޮޑިޓް
ގއ. އަތޮޅު ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ތަޖުރިބާ ދަތުރުތަކެއް ރާއްޖޭން ބޭރަށް ކުރުމަށްޓަކައި ތިން ލައްކައެއްހާ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ގއ. އަތޮޅު ކައުންސިިލުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭން ބޭރަށް ތަޖުރިބާ ދަތުރުތައް ކުރުމަށްޓަކައި އެ ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ޖުމުލަ 338،006 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހާ ހަމައަށް އެ ކައުންސިލްގެ ހަތް މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް، ތައިލޭންޑަށް ދަތުރުކޮށްފައިވާ ކަމަށެވެ. މި ދަތުރަށް ހިނގާނެ ޚަރަދުތައް ލިބޭނެ އެހެން ގޮތްތަކެއް ހޯދުމަކާ ނުލައި ކައުންސިލް ބަޖެޓުން, 338،006 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައިވެއެވެ. ތަޖުރިބާ ހޯދުމުގެ ބޭނުމުގައި ކަމަށް ބުނެ ކޮށްފައިވާ މި ދަތުރަށް އަށް މީހުންގެ ހުރުމާއި ކެއުމުމުގެ އިންތިޒާމަށް ވަނީ 266،457 ރުފިޔާ ޚަރަދުކޮށްފައެވެ. އަދި، އެ އަށް މީހުންގެ ޓިކެޓަށް ވަނީ 71،549 ރުފިޔާ ޚަރަދުކޮށްފައެވެ. އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ޚަރަދުތައް ކޮށްފައި ވަނީ, ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ އެންގުމާ އެއްގޮތަކަށް ނޫނެވެ. މީގެ އިތުރުން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ އެ ކައުންސިލްގެ ބައެއް މައްސަލަތައް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެ ކައުންސިލަށް ލިބެން ޖެހޭ ފައިސާ ލިބިފައިނުވާއިރު އެ ފައިސާ ހޯދުމަށް މާލިއްޔަތު ގަވާއިދުގައި ބުނާ ފިޔަވަޅުތައް އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އަދި، ލައިސަންސް ޓްރެކުގެ އެތެރޭގައި އޮތް ހުސްބިން ކުއްޔަށް ދޫކުރުމުގެ ބީލަމާ ގުޅޭ ލިޔެކިޔުންތަކާއި ބިން ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން އޮޑިޓަށް ލިބިފައިނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/215732 އިތުރު ގަޑީގެ ފައިސާ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކޮށްފައިނުވުމާއި، ކައުންސިލް އިދާރާގެ ޚަރަދުތަކުގެ ތަފުސީލު ރައްޔިތުންނަށް ފެންނާނެހެން އާންމުކޮށްފައި ނުވާ ކަމަށް ވެސް އެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖޭން ބޭރަށް ކައުންސިލްތަކުން ގިނަ އަދަދެއްގެ ދަތުރުތައް ކުރާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރާ އެ ދަތުރުތަކަކީ ފައިދާއެއް ނެތް ދަތުރުތަކެއްގެ ގޮތުގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް ސިފަކުރައްވައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އދ. އަތޮޅު ކައުންސިލުން, ސަރުކާރުގެ އެންގުމާ ޚިލާފަށް ތަޖުރިބާ ދަތުރުތަކެއް ރާއްޖޭން ބޭރަށް ކުރުމަށްޓަކައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ވެސް ވަނީ އޮޑިޓް ރިޕޯޓުން ހާމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ