ރައްޔިތުންނަށް ބޭނުންވާ މުހިއްމު ބޭސް، އަމިއްލަ ބޭސް ފިހާރަތަކާއި އާސަންދައިން އަދި އެސްޓީއޯއިން ގަންނަން ވެސް ނުލިބޭތީ، އެ ކުންފުނިތަކުގެ ކަމާ ބެހޭ ވެރިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟- މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި މިގޮތަށް އެދިވަޑައިގެންފައިވަނީ، އޭނާ ވިދާޅުވި ގޮތުގައި، ޑޮކްޓަރުން ލިޔެދޭ ބައެއް ބާވަތުގެ ބޭސް، އެއްގޮތަކަށް ވެސް މިހާރު ރާއްޖޭން ނުލިބޭކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާތީ އެވެ.
ސިޓީގައި މެމްބަރު ވިދާޅުވި ގޮތުގައި:
މިކަމުގައި ހާއްސަ ގޮތެއްގައި ފާހަގަވަނީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ނަގަމުންދާ ފަރާތްތައް
ޑޮކްޓަރު ލިޔެދޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބުމުގެ މައްސަލަ ވެސް މިހާރު ވަނީ އާއްމުވެފައި
މުހައްމަދު އިބްރާހިމް ވިދާޅުވީ ދާއިމީ ގޮތެއްގައި ބޭސް ކާން ޖެހޭ މީހުންގެ ތެރެއިން ހަކުރު ބައްޔާއި ކެންސަރު، އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނެ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތައް ކަމަށެވެ.
މި ބޭސްތައް ނުލިބުމަކީ، މިދިޔަ އެއްވެސް ސަރުކާރެއްގައި ހިނގި ކަމެއް ނޫން ކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ވެސް މި ބޭސްތައް ލިބުން މިހާ ދަތިނުވާ ކަމަށް ވިދާޅުވި އެވެ.
މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް މި މައްސަލަ އެކި ފަހަރުމަތިން މަޖިލީހަށް ހުށަހެޅި އެވެ. އެކަމަކު ހައްލެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އެސްޓީއޯ އާއި އާސަންދައިގެ ވެރިން މަޖިލީހަށް ހާޒިރު ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، މި ފަދަ އަސާސީ ހިދުމަތަކަށް ލޮޅުން އަރައިގެން އުޅެނީ ކީއްވެގެންތޯ ބަލައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.
ބޭސް ނުލިބޭތީ، އެސްޓީއޯ އާއި އާސަންދައިގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަން އެދެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ