މާޒިޔާ އިން މެޗަކުން ބަލިނުވެ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ޗެމްޕިއަންކަން ހޯދައިފި މާޒިޔާ އިން މެޗަކުން ބަލިނުވެ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ޗެމްޕިއަންކަން ހޯދައިފި

ފަހު މެޗުގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މެޗަކުން ބަލިނުވެ، އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، 2014 ވަނަ އަހަރުގެ ފަހުން އެފްއޭއެމް އިން ކްލަބްތަކަށް ހާއްސަކޮށްގެން މިދިޔަ 11 އަހަރު ތެރޭ ބޭއްވި ފުރަތަމަ އަންހެން ފުޓްބޯޅަ މުބާރާތެވެ. ފީފާގެ މާލީ އެހީތެރިކަމާ އެކު، ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެންނެވެ.
ޖުމްލަ އެކު، ހަ ޓީމު ކުޅުނު މި ފަހަރުގެ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މާޒިޔާ އަށް 13 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ އޮޑި އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ ހޯދި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ހަތަރެއްގައި ނިންމި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބުނުއިރު، މުބާރާތުގެ ފެއާ ޕްލޭ ޓީމުގެ މަގާމު ހޯދި ބިސް ބުރު ސްޕޯޓްސް ކްލަބް ވަނީ ހުރިހާ މެޗަކުން ބަލިވެފަ އެވެ.
މުބާރާތް ފަށައިގެން ފުރަތަމަ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުނުއިރު، ފަހު ތިން މެޗު ކުރިއަށްދިޔައީ ގަލޮޅު ދަނޑުގަ އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފަށައިގެން އޮޑި އާއި މާޒިޔާގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ.
މެޗުގައި މާޒިޔާ އިން ލީޑުނެގީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިިނިޓްގަ އެވެ. އޮޑީގެ އޭރިއާތެރެއިން މާޒިޔާ އަށް ކުޅޭ ނޭޕާލްގެ ފޯވާޑް، ރޭކާ ޕޮއުޑެލް އަށް ލިބުނު ފުރުސަތުގައި ބޯޅަ ކޮންޓްރޯލް ކޮށްލާފައި ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ. ޗެމްޕިއަންކަން ހޯދުމަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތް އޮޑި އަށް މާޒިޔާގެ ކީޕަރު، އައިޝަތު ލީޒާ ޓެސްޓް ކޮށްލެވޭނެ ރަނގަޅު ހަމަލާތަކެއް ފޮނުވާނުލެވުނެވެ.
ލީޑުފުޅާކުރަން މާޒިޔާގެ ރޭކާ އަށް ލިބުނު ރަނުގެ ފުރުސަތެއް ވަނީ ގެއްލިފަ އެެވެ. އެ ގޮތުން، އޮޑީގެ ކެޕްޓަން، ފާތިމަތު ސާލިޔާ އެ ޓީމުގެ އޭރިއާތެރެއިން ރޭކާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން، ރޭކާ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
އެކަމަކު، ރޭކާގެ ވެސް ބައިވެރިވުމާ އެކު، މާޒިޔާ އިން ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ މާޒިޔާ އަށް ކުޅޭ ނޭޕާލްގެ ދީޕާ ޝާހީ އެވެ.
މުބާރާތުގެ އެންމެ މޮޅު ދިވެހި ކުޅުންތެރިއަކީ އޮޑީގެ ސާލިޔާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ރޭކާ ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯސީ ވިކްޓަރީގެ އުޒްބެކިސްތާން ކުޅުންތެރިޔާ، ރުސްޓުލައެވާ ލޭލާ އެެވެ. އޭނާ ވަނީ ފަސް މެޗުން 10 ލަނޑު ޖަހައިފަ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ ވިކްޓަރީގެ އައިޝަތު ޝަހާ ޝަރީފް އެެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޗެމްޕިއަން މާޒިޔާގެ ލީޒާ، ރޭކާ، ދީޕާ އަދި ޝައްފަ ޝިއުތުގެ އިތުރުން އޮޑީގެ ސާލިޔާ، ނަސްތާސިއާ ރަމްދާނީ، އިނާޝާ އާދަމް، ފިރުޝާނާ ނަސީރު، ވިކްޓަރީގެ ލޭލާ އާއި ސަފީނާ އަދި ނިއުގެ މައީޝާ އަބްދުލް ހަންނާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ