ފަތުރުވެރިންނަށް ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން، އެކަން ކޮށްގެން ނުވާނެ: ޠާރިޤް

ރަށްރަށަށް އަންނަ ފަތުރުވެރިން އިތުރުކޮށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ފަތުރުވެރިންނަށް ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ބޮޑެތި ހޮޓެލްތަކުގައި ވިއްކަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ނަމަވެސް، އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް، ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޠާރިޤް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހޮޓާތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. "އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަންތައް،" އޭނާ ވިދާޅުވިއެވެ. ފުލިދޫގެ ގޮނޑުދޮށުގައި ޓޫރިސްޓުންތަކެއް --- ފޮޓޯ/ ހައިޑާ ސީ ޓްރެވަލްސް މިހާރުވެސް ބައެއް ރަށްރަށަށް ސަފާރީތަކުން ބަނގުރާ ބާލާކަން ފާހަގަކުރައްވައި ޠާރިޤް ވިދާޅުވިގޮތުގައި، އެ ކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ހުރެގެން ނުވާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ. ޠާރިޤް މިފަދައިން ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ހޮޓާތަކުގައި ވިއްކަންޖެހޭ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ކ. މާފުށީގެ ފަތުރުވެރިކަމުގެ އާ ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާޓް އޮފް މޯލްޑިވްސް"، ނުވަތަ ދިވެހިރާއްޖޭގެ ހިތް ރަސްމީކޮށް އިފްތިތާހުކުރުމަށްޓަކައި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަމަވެސް އެއީ ސީދާ ކޮން "ތަކެއްޗެއްކަން" އެމަނިކުފާނު ވިދާޅެއްނުވެއެވެ. އެކަމަކު ބައެއް މީހުން ސިފަކުރާ ގޮތުގައި ނަޝީދު ގޮވާލެއްވީ ރަލާއި އޫރުމަސް ހުއްދަކުރުމަށެވެ. އެ ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ތައުލީމު ހާސިލްކުރުން މަނާ ދުވަސްވަރަކާއި ފަތުރުވެރިން އައިސް ތިބުން މަނާ ދުވަސްވަރެއް ފާއިތުވެ ދިޔަ ކަމަށެވެ. https://x.com/MohamedNasheed/status/2002367935269224603 "މިވަގުތުވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުން، ރިސޯޓުފަހަރުގައި ޓޫރިސްޓުންނަށް ދޭ ޚިދުމަތްތައް، ވިއްކާ ތަކެތި، ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން، އެއީ ބޭއިންސާފެއް، އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނާންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި އަހަރަކު އެވްރެޖްކޮށް ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނައިރު، އެ ފަތުރުވެރިންގެ 20 ޕަސެންޓު އަރައި ފައިބަނީ މާފުށްޓަށެވެ. މިހާރު ވެސް މީހުން ދިރިއުޅޭ ރަށްރަށަށް ރަލާއި އޫރުމަސް ގެނައުމާއި އެތަކެތި ވިއްކުން މަނަލެވެ. ނަމަވެސް ދޭތެރެއަކުން ރަށްރަށަށް އަދި ވެރިރަށް މާލެއަށް ބަނގުރާ އެތެރެކޮށް ގެންގުޅޭ މައްސަލަ ފެންމަތިވެއެވެ. އަދި އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ