32 ގުރާމު ޑުރަގާއެކު 50 އަހަރުން މަތީގެ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި 50 އަހަރުން މަތީގެ ދިވެހި އަންހެނަކާ ފިރިހެނެއް އިއްޔެ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އުމުރުން 57 އަހަރުގެ އަންހެނަކާ 52 އަހަރުގެ ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މި ދެމީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ މ. މުލި، ނަސީމީގެ، މުޙައްމަދު ވަޙީދު (52އ) އާއި ސ. ފޭދޫ، މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ)އެވެ. ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 1،951 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ފަހުން މަސްތުވާތަކެތީގެ މައްސަލައެއް އާދީއްތަ ދުވަހުގައި ތ. ވަންދޫއިން ވެސް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޒުވާން ފުލުހެކެވެ. އޭނާ ހައްޔަރުކުރި ވަގުތު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒެވެ. https://sun.mv/215621 ނަވާޒު ހައްޔަރުކުރުމަށް ފަހު އޭނާއާއި އޭނާ ގެންގުޅުނު ތަކެތި ފުލުހުން ބަލައި ފާސްކުރިއިރު، އޭނާ އަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ނަވާޒު ހައްޔަރުކުރުމާ އެކު، ވަޒީފާއިން އޭނާ ސަސްޕެންޑުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ