'ސުތުރާ'ގެ ނަމުގައި އެކި ސިފަސިފައިގެ ތަކެތި މިސްކިތްތަކުގައި ބޭނުންކުރޭ، އެއީ ސުންނަތާ ޚިލާފު ކަމެއް: ޝަހީމް

'ސުތުރާ'ގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ކުރުމަކީ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސުތުރާއަކީ ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީހުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗެކެވެ. ސުތުރާގެ ގޮތުގައި އަސާއެއް ނުވަތަ ލޮންސިއެއް ނުވަތަ ދުނިދަނޑިއެއް ނުވަތަ ގަހެއް ނުވަތަ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެެއް ބޭނުންކުރުން ވެސް ރަނގަޅުކަމަށް ސުންނަތުން އެނގެއެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި 'ސުތުރާ'ގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭ ކަމަށެވެ. މިގޮތައް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީ ކައުންސިލުގައި އެދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެކަމަކީ ރަސޫލާގެ ހަޔާތްޕުޅުގައި ވެސް އަދި އަޞްޙާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަން ބޮޑުވެގެންވާ ތިން ގަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫންކަން ޝަހީމް ފާހަގަކުރެއްވިއެވެ. އަދި ސުންނަތުގައި ބަޔާންވެގެންވާ 'ސުތުރާ'ގެ މަފްހޫމާއި ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް އެކަން ބަދަލުވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2018 ވަނަ އަހަރު، ނަމާދަށް ހުންނަ މީހާގެ ކުރިމަތީގައި ސުތުރާ ބެހެއްޓުން ވާޖިބު ނޫން ކަމަށް ރާއްޖޭގެ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފައިވެއެވެ. https://sun.mv/104753 އެ މައްސަލައިގައި އޭރު އެ މަޖިލީހުން ބުނީ ހަނަފީ އަދި މާލިކީ މަޒްހަބަށް ބަލައިލާއިރު، ނަމާދަށް ހުންނަ މީހާގެ ކުރިމަތީގައި ސުތުރާއެއް ބެހެއްޓުން މުސްތަޙައްބު ކަމަށް ވާނީ ނަމާދަށް ހުންނަ މީހާގެ ކުރިމަތިން މީހަކު ހިނގައިދާނެ ކަމުގެ ބިރު އޮތްނަމައެވެ. އަދި ބުނީ އެނޫން ހާލަތެއްގައި ސުތުރާއެއް ބެހެއްޓުމަކީ މުސްތަހައްބު ކަމެއް ނޫން ކަމަށެވެ. ޝާފިއީ މަޒްހަބާއި ހަންބަލީ މަޒްހަބްގެ ރައުޔަށް ބަލާލާއިރު، ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް ސުތުރާއެއް ބެހެއްޓުމަކީ މުސްތަހައްބުކަމެއް ކަމަށާއި އަދި އެކަން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމަށްވެސް ފަތުވާ ދޭ މަތީ މަޖިލީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ