ރާއްޖޭގައި ހިންގާ ރިސޯޓުތަކެކޭ އެއްގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ނުޖެހޭ ކަމަށާއި އެފަދަ ކަމަކަށް ގޮވާ ނުލައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކުރުމަށް އެ ރަށުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި ރަށްރަށުގައި ހުންނަ ބޮޑެތި ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް ކަމަށެވެ. އެއީ ކޮން ހިދުމަތްތަކެއް ކަމަށް އަދި ކޮން އެއްޗެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް، ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުން ވަނީ ނަޝީދުގެ ގޮވާލެއްވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދަ ދިނުމަށް ކަމަށް ބުނެފަ އެވެ،
މިކަމާއި ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސާފު ސީދާ ކޮށް "މަށް ދިވެހި ބަހުން" ދައްކާ ވާހަކަ ވެސް ކަނޑައެޅިގެން އިދިފުށަށް، ދޮގު މާނަޔާއި ތަރުޖަމާ އީޖާދުކޮށްގެން ފަތުރަމުންދާ ކަމަށެވެ. އެއީ ކަންބޮޑުވުންހުރި ނުރައްކާތެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ރިސޯޓުފަހަރުގައި ލިބޭ، އެހެނަސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމަ އެކަނި އެއްޗަކީ ރަލާއި އޫރުމަހެއް ނޫން. މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އެ ޕޯސްޓަށް، ނަޝީދުގެ ނުރަސްމީ އެކައުންޓުން ރިޕްލައި ކުރައްވާ ވަނީ އެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވާފަ އެވެ. އޭގެތެރޭގައި، އޯވަ ވޯޓާ ކޮޓަރި، ވެލި މަގު، މަގު ކައިރި ގަސްތައް، މަގު މަތީ ބޮކި ހުންނަ ގޮތް، ކުނި ނައްތާލުމުގެ ޖާގަ ހިމެނޭހެން ގިނަ ހިދުމްތަތަކަކާއި ސިފަތަކެއް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެ އެވެ. މިއީ ރިސޯޓުތަކުން ފެނުނު ނަމަވެސް ރަށްރަށުން ފެންނަ ކަންކަމެއް ނޫނެވެ.
"ރިސޯޓު މާކެޓިން ބަހުރުވައިގައި ކޮޓަރި އަކީ ވިއްކާ އެއްޗެއް އަދި ދޭ ހިދުމަތެއް. އަސްލު ވިއްކަނީ ޗުއްޓީއެއް. ވިއްކަނީ ޕްރޮޑަކްޓެއް،" ނުރަސްމީ އެކައުންޓުން ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުންނަކަށް ހިދުމަތެއް ނުދެވެ އެވެ. ގެސްޓްހައުސް ތައާރަފުކޮށް ލޯކަލް ޓޫރިޒަމް ރާއްޖެއަށް ގެނެސްދެއްވީ އެމަނިކުފާނުގެ ވެރިކަން ކުރެއްވި ފުރަތަމަ އެމްޑީޕީގެ ވެރިކަމުގަ އެވެ.
މިއަދު ރާއްޖޭގެ ބެޑް ކެޕޭސިޓީގެ ގާތްގަނޑަކަށް 28 ޕަސެންޓު ހިއްސާކުރަނީ ލޯކަލް ޓޫރިޒަމެވެ. އެކަމުގެ ސަބަބުން އެތައް ރަށެއްގެ އިގުތިސޯދު ކުރިއަރައި އެތައް ހާސް ބަޔަކަށް ވަޒީފާ ވަނީ ލިބިފަ އެވެ.
މިރޭގެ ޕޯސްޓުގައި މީހުން ދައްކާ ވާހަކައިގެ މާނަ އޮޅުވާލުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުން ފެށިގެން ނަޝީދު އަކީ އިސްލާމް ދީނާއި ދުރު ވިސްނުން ގެންގުޅޭ "ލާދީނީ" މީހެއްގެ ލޭބަލް އެމަނިކުފާނުގެ ބޮލުގައި އަޅުވާފައިވެ އެވެ.
ދީނީ ހަރުކަށި ބަޔަކު މެއި 6، 2021 ގައި ވަނީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ވެސް ދިނެ އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު އެ ހަމަލާއިން ސަލާމަތްވީ ކިރިޔާ އެވެ. އެތައް ގަޑިއިރެއްގެ އޮޕަރޭޝަންތަކަކަށް ފަހު އެވެ.
ލިބުނު ޒަހަމްތަކަށް އެތައް މަހެއް ވަންދެން ޖަރުމަނުގައި ވެސް ފަރުވާ ހޯއްދެވި އެވެ. މާފުށީގައި ދެއްކި ވާހަކައާއި ގުޅިގެން ވެސް ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓުތަކުން ވަނީ ނަޝީދުއަށް އެތައް އިންޒާރެއް ދީފަ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ހުއްދަކުރާކަށް ނުޖެހޭ: ނަޝީދު މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ހުއްދަކުރާކަށް ނުޖެހޭ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ