މާހިރެއްގެ އެހީގައި ގެދޮރުވެރިޔާ ޕޯޓަލް ދިރާސާކުރަން އަކްރަމްގެ ފަރާތުން އެދެފި
ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން، ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓް ދޭން ނިންމި ކަމަށް ތުހުމަތުކޮށް، ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން، އެކްސްޕާޓެއްގެ އެހީގައި ޕޯޓަލް ތަހުލީލު ކުރަން، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ. ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އަކްރަމާއި، ފުލެޓް ކޮމެޓީގެ ކުރީގެ މެންބަރު މުހައްމަދު އާރިފާއި، ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ސުޕަވައިޒަރުން ކަމަށްވާ އަހުމަދު ވިޝާން ނަސީމާއި، ލިރުއާމް ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. އެމީހުންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ދިފާއުގެ ގޮތުގައި އެމީހުންގެ ފަރާތުން ވަނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް ދިނުމާއެކު އެ ޕޯޓަލް ބަލަން އެކްސްޕާޓަކަށް ފުރުސަތު ދިނުމަށް އެދިފައެވެ. ޕްރީ-ޓްރަޔަލް ހުށަހެޅުމެއްގެ ގޮތުގައި އެކަމަށް އެދުމުން ދައުލަތުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ދައުލަތުން ބުނީ، އެ ޕޯޓަލްއަކީ ގިނަ ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ ޕޯޓަލްއެއް ކަމުން، އެ އެކްސެސް ނުދެވޭނެ ކަމަށެވެ. ކުރީ ސަރުކާރުގައި ހުޅުވައިލި ގެދޮރުވެރިޔާ ސްކީމުން ޝަރުތު ހަމަނުވާ ބަޔަކަށް އުސޫލުން ބޭރުން ޕޮއިންޓު ކަނޑައަޅައި، ފްލެޓް ދިން މައްސަލާގައި ކުރާ ދައުވާތަކަށް، އެ ދައުވާ ލިބޭ މީހުން ވަނީ ކުރިން އިންކާރުކޮށްފައެވެ. އަކްރަމްގެ ވަކީލު ކުރިން ވިދާޅުވީ ޝަރުތު ހަމަނުވާ އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ދިނުމަށް އަކްރަމް ކުރެއްވި ކަމެއް ނޯންނާނެ ކަމަށާއި އުސޫލާއި ޚިލާފަށް އަކްރަމް ކުރެއްވި ކަމެއް ވެސް ނޯންނާނެ ކަމަށެވެ. އަދި މަގާމާއި ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އަކްރަމް ކުރެއްވި އެއްވެސް ކަމެއް ވެސް ނޯންނާނެ ކަމަށް ވަކީލް ކުރިން ވިދާޅުވިއެވެ. އެހެންވެ، ދައުލަތުން އަކްރަމްގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއް ތިން ބޭފުޅުން ވެސް ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެ ބޭފުޅުންނާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފައެވެ. މި މައްސަލައިގައި މީގެ ކުރިން އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދިނުމުގައި އިދާރީ ކުށެއް އޮވެދާނެ ކަމަށާއި ގަވައިދާ ޚިލާފަށް 'ނުބައި ކަމެއް' ކޮށްފައެއް ނޯންނާނެ ކަމަށެވެ. https://sun.mv/206857 ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، 4،000 ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެ ސަރުކާރުގައި ފުލެޓާއި ގޯތި ދޫކުރި ކޮމިޓީގައި އެންމެ ހުންނެވި އެކަކީ އަކްރަމެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށް ފަހު، މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ލިސްޓު ބެލުމަށްފަހު މިދިޔަ ފެބްރުވަރީ މަހު އިއުލާންކުރީ، 4،000 ފުލެޓުގެ ހައްގުވެރިންނަކީ 1820 މީހުން ކަމަށާއި ކުރީގެ ލިސްޓުން 53 ޕަސެންޓު މީހުންނަށް ދިން ޕޮއިންޓް ސައްހަ ނޫން ކަމަށެވެ. ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ