ސަރުކާރުން ޓެކްސީ ލައިން ފަށަން އުޅެނިކޮށް ޑްރައިވަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ސަރުކާރުން ޓެކްސީ ލައިނެއް ފަށަން ތައްޔާރުވަމުން އަންނަނިކޮށް، ޓެކްސީ ޑްރައިވަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. ސަރުކާރުން ޓެކްސީ ލައިން ފަށާނެކަން އިއުލާނުކުރުމުން ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް، އިހުތިޖާޖު ވެސް ކުރިއެވެ. އެކަމަކު ވެސް ނިންމުން ބަދަލުނުކޮށް ސަރުކާރުން އަންނަނީ ޓެކްސީ ލައިން ފަށަން ތައްޔާރުވަމުންނެވެ. އެހެން އޮއްވާ ރައީސް މުއިއްޒު މިއަދު ވަނީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ އެކު ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ވެސް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސަރުކާރުން ފަށާ ޓެކްސީ ލައިނާ ގުޅޭ ބައެއް ޚިޔާލުތައް ރައީސާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެކަމަކު، އެ ޚިޔާލުތަކާ ބެހޭ އެއްވެސް ތަފުސީލެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. https://sun.mv/205706 މީގެ އިތުރުން، ޓެކްސީ ޑްރައިވަރުން ވަނީ މާލޭގައި ވެހިކަލް ރަޖިސްޓްރީކުރުމާއި ޕާކްކުރުމުގައި ހުރި ދަތިތައް ހައްލުކުރަން ގެނެވިދާނެ ބައެއް ބަދަލުތައް ހިއްސާކުރައްވާފައެވެ. އަދި، ޓްރެފިކް މައްސަލަތައް މަދުކުރަން މިހާރުން މިހާރަށް ގެނެވިދާނެ މުހިންމު ބަދަލުތައް ވެސް ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ޓެކްސީ ޑްރައިވަރުންގެ ކަންކަން ހައްލުކުރަން ޑްރައިވަރުންގެ ދަފުތަރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ، ޓެކްސީ ޑްރައިވަރުންނަށް ކޮށްދެއްވާނެ ބައެއް ކަންކަމާއި، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ. https://sun.mv/211501 މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15 ގައެވެ. އެ ޚިދުމަތް ފެށުމުން، ޓެކްސީ ކުރާ އަމިއްލަ ވިޔަފާރިތަކަށް ގެއްލުންވާނެކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކޮށްފައިވީ ނަމަވެސް، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވަނީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލު ކުރެއްވި ކަމަށާއި ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެމްޓީސީސީން މިދިޔަ މަހު ވަނީ ސަރުކާރުގެ ޓެކްސީ ޚިދުމަތަށް 407 ޑްރައިވަރުން ހޯދަން ވެސް އިއުލާނުކޮށްފައެވެ. އެއީ، ފުލްޓައިމްކޮށް މަސައްކަތްކުރާ 285 ޑްރައިވަރުންނާއި ޕާޓް ޓައިމްކޮށް މަސައްކަތްކުރަން 122 ޑްރައިވަރުންނެވެ. ޓެކްސީ ޚިދުމަތް ފަށަން ޓްރާންސްޕޯޓު މިނިސްޓަރު އެކި ތާރީޚުތައް މީގެ ކުރިން ދެއްވި ނަމަވެސް އަދި އެ ޚިދުމަތް ފެށޭ ގޮތެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ