އެމްއެމްޕީއާރުސީ ޚިޔާނާތް ޔާމީނުގެ ބޮލަށް އެކަނި ނުޖެހޭނެ، ޞާލިޙުގެ ސަރުކާރުން އެ މައްސަލަ ރަނގަޅަށް ނުބަލާ: ޒަރިޔަންދު
ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމުގެ ފުރިހަމަ ބާރު އޮތް ހިނދުވެސް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެ މައްސަލަ ފުރިހަމައަށް ތަހުގީގުނުކުރި ކަމަށާއި، ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ ބޮލަށް އެކަނި އެ މައްސަލަ ނުޖެހޭނެ ކަމަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އިސްމާޢީލް ޒަރިޔަންދު ރޭ ވިދާޅުވެއްޖެއެވެ. ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޔާމީންގެ ޕާޓީ ޕީއެންއެފްގެ ތާއީދާއެކުގައެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ޔާމީނަށް ފާޑުވިދާޅުވެ، އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ވާހަކަދެއްކެވި އެއް ބޭފުޅަކީ ޒަރިޔަންދެވެ. ޕީއެންއެފްގެ ތާއީދާއެކު ޒަރިޔަންދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާތީ، އިދިކޮޅު އެމްޑީޕީގެ ބައެއް ސަޕޯޓަރުން ގެންދަނީ އޭނާ ޔާމީނަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓުތައް ދައުރުކުރަމުންނެވެ. "އަޅުގަނޑު ބޭނުން ނަމަ މިކަމަށް އަންނަންވާއިރަށް (މޭޔަރުކަމަށް ވާދަކުރައްވާއިރު) ރައީސް ޔާމީނޭ ކިޔައިގެން ދެއްކި ހުރިހާ ވާހަކަތަކެއް ޑިލީޓުކުރެވިދާނެ، އެކަމަކު މިހާރުވެސް ހުރިހާ ބޭފުޅުން ބައްލަވަން ފެށިއްޔާ ރަނގަޅުވާނެ، އަޅުގަނޑު ބޭނުންކޮށްފައިވާ ބަސްތަކަކީ އެވަގުތަށް އެންމެ އެކަށީގެންވާ ބަސްތައް، އެހެންވީމާ އަޅުގަނޑު ހިތަށް އެރީ އެއްގޮތަކަށްވެސް މި އެއްޗެހި ޑިލީޓެއް ނުކުރާނަމޭ،" އެކަމާ ގުޅިގެން 'ޗެނަލް 13'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވިއެވެ. މާލޭ މޭޔަރުކަމަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ޒަރިޔަންދު ޔާމީނާ ސަލާމްކުރައްވަނީ -- ސަން ފޮޓޯ: މުޙައްމަދު އަފްވާން ޒަރިޔަންދު ވިދާޅުވީ، ޔާމީނާ ގުޅޭގޮތުން ކޮށްފައިވާ ޕޯސްޓުތަކުގައި 'ތުހުމަތު'، އެ ބަސް ބޭނުންކޮށްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ރިޔާސީ ކޮމިޝަންތަކާ ބެހޭ ގާނޫނު އުފެއްދީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ބަލަން ޚާއްސަކޮށް ކަމަށާއި، 2018ވަނަ އަހަރު ޞާލިޙުގެ ސަރުކާރު އައީ އެ މައްސަލަތައް ބަލާނެ ކަމުގެ ވައުދާ އެކު ކަމަށެވެ. "އެކަމަކު އަޅުގަނޑަށް ފާހަގަކުރެވުނީ މުޅި އެމްއެމްޕީއާރުސީގެ މައްސަލަ އޭގެ ޒާތުގައި ނުބެލޭނެ ކަމަށް، އޭރުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ލައިވް ޓީވީގައި ވިދާޅުވި މިހާރުގެ ސަރުކާރުގަ ހިމެނޭ އެތައް އަދަދެއް، މިހާރުގެ ރައްޔިތުންގެ މަޖިލީހުގަ ހިމެނޭ މިތައް އަދަދެއް، އޭގަ ބައިވެރިވެޔޭ،" ޒަރިޔަންދު ވިދާޅުވިއެވެ. ނަމަވެސް ފެނުނީ އެ މައްސަލައިގައި ހަމައެކަނި ޔާމީން ބަންދުކުރި މަންޒަރު ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ މައްސަލައަކީ ސައްތަ އިންސައްތަ ޚިޔާނާތުގެ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. "އެކަމަކު އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ތަހުގީގުކުރުމުގަ ގާނޫނުން ދީފައިވާ އިޚުތިޔާރު ރިޔާސީ ކޮމިޝަނުން ފުރިހަމައަށް ނެގި ކަމަށް ގަބޫލެއްނުކުރެވޭ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައި އޮތް އިޚްތިޔާރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނެންގެވި ކަމަކަށްވެސް ގަބޫލެއްނުކުރެވޭ،" އޭނާ ވިދާޅުވިއެވެ. މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ވާދަކުރައްވާނެ ކަން ޕީއެންއެފުން ހާމަކުރީ "ރީސެޓް"ގެ ނަމުގައި މިމަހުގެ 17ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައެވެ. https://sun.mv/215467 އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ އޭނާ އަބަދުވެސް ދެމި ހުންނާނީ މާލޭ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށެވެ. އަދި މި ކަމަށް ކުރިމަތިލަނީ ސިޔާސީ "ބޮޑުގޮނޑި"އަކަށް އަރަން ނޫން ކަމަށާއި، މާލެ ތަހުޒީބުކުރަން ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. "އަޅުގަނޑު މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވާން ކުރިމަތި މި ލީ މި މާލެއަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކާއި، މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ އިގްތިޞާދީ އިޖްތިމާއީ ކުރިއެރުމަށް ހުރި ގޮންޖެހުންތައް އެނގޭ މީހަކަށް ވާތީ މި މާލޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކަންކުރަންޖެހޭނޭ ގޮތުގެ ފަންނީ ހަމަތައް ދަންނަ އަދި ހައްލުކުރަން އެނގޭ މީހެއްކަން ކަށަވަރުވާތީ،" އޭނާ ވިދާޅުވިއެވެ. ޒަރިޔަންދު ވިދާޅުވީ އޭނާ ވިސްނާނީ "މާލޭ މީހާ"ގެ ވިސްނުމުން ކަމަށެވެ. ޒަރިޔަންދަކީ މާލީ ދާއިރާގައި މުހިންމު ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއިރު އޭގެ ތެރެއިން ބޮޑުބައި ހޭދަކުރެއްވީ އޮޑިޓަރެއްގެ މަގާމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގައެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީގައި ވެސް ޒަރިޔަންދު މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ޒަރިޔަންދަކީ ފާހަގަކޮށްލެވޭ ފުޓުބޯޅަ ކުޅުންތެރިއެއް ވެސް މެއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރި އެއް ގޮނޑިއަށް ވާނީ މާލޭ މޭޔަރުކަމުގެ ގޮނޑިއެވެ. ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ވާދަވެރި ޕްރައިމަރީއަކަށް ތައްޔާރުވަމުން އަންނައިރު އެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާއި، މިހާރު މޭޔަރު އާދަމް އާޒިމް ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ