ތަކުރާރުކޮށް ވައްކަން ކުރާ ހާހެއްހާ މީހުން, މިއަހަރު މާލޭގައި ކުރި ކުށުގެ 41 ޕަސެންޓަކީ ވައްކަން: ފުލުހުން

މި އަަހަރު މާލޭގެ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 41 ޕަސެންޓު މައްސަލައަކީ ވައްކަންކަމަށް ފުލުހުން ބުނެފިއެވެ. މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތަފްސީލް ހިއްސާކުރުމަށް އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ފްރަންޓްލައިން ޕޮލިސިންގައި އިސްކޮށް މަސައްކަތްކުރައްވަމުން އަންނަ ސުޕްރިންޑެންޓެ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް އެންމެ ގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތައް ކަމަށެވެ. އޭނާ ވިދާޅުވީ ވައްކަމުގެ މައްސަލަތައް ގިނަވާ ދެ ސަބަބެއް އެބައޮތް ކަމަށެވެ. އެއް ސަބަބަކީ ތަކުރާރުކޮށް އެ ކުށް ކުރާ މީީހުން އެފަދަ ކަންކަމުގައި ހައްޔަރުކުރަންޖެހުން ކަމަށް ވިދާޅުވިއެވެ. އެ ފަދަ އެއްހާހެއްހައި މީހުން އެބަތިބި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "އެއްހާސް މީހުން ހަމަ ގާތްގަނޑަކަށް ހަމަ ހުރިހާ ވައްކަންތަކެއްގައި ޝާމިލުވަނީ. އަދި ހަމަ އޭގެ އިތުރުން ދެން މި ހުންނަނީ ފުރުސަތު ލިބިގެން ކުރާ ވައްކަން. އެންމެ ގިނައިން މި ހުށަހެޅެނީ ސައިކަލު ވައްކަން،" އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަނެއް ސަބަބަކީ ވައްކަން ކުރަން ލިބޭ ފުރުސަތުތަކުގައި އެ ކަން ކުރުން ކަމަށާއި އެ ފަދަ މައްސަލަތަކުގައި އެންމެ އާންމީ، ސައިކަލު ވައްކަން ކަމަށް ވިދާޅުވިއެވެ. އެގޮތުން މާލޭގެ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅި ޖުމްލަ ކުށުގެ ތެރެއިން 41 ޕަސެންޓު ވައްކަން ހިއްސާކުރާއިރު، އޭގެ ތެެރެއިން 67 ޕަސެންޓަކީ ސައިކަލު ވައްކަން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސައިކަލު ވައްކަން ހިނގަން މެދުވެރިޔާ އެންމެ އާންމު ސަބަބަކީ ސައިކަލުގެ ޝަޓަލޮކް ތަޅުނުލައި ހުރުން ކަމަށެވެ. އެހެންވުމުން ތަޅުދަނޑިއެއް ޖަހައިލައިގެން އެ ނެގުމުގެ ފުރުސަތު ބޮޑުވާކަމަށް ވިދާޅުވިއެވެ. ރިޕީޓް އޮފެންޑާޒް، ނުވަތަ އެއް ކުށެއް ތަކުރާރުކޮށް ކުރާ މީހުންގެ ތެރޭ، މި އަހަރު އެކަނި ވެސް 50 ފަހަރު ހައްޔަރުކޮށް 586 ފަހަރު ސުވާލުކޮށްފައި ތިބި މީހުން އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި 128 ފަހަަރު ހައްޔަރުކޮށް، 1012 ފަހަރު ސުވާލުކޮށްފައި ތިބި މީހުން ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/215675 ވައްކަމުގެ މައްސަލަތައް އާންމު މިންވަރު ކްރިމިނަލް ކޯޓަށް ބަންދު މުއްދަތު ޖަހަން ގެންދާ މީހުންގެ މައްސަލަތަކުން ވެސް ހާމަވެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްއަތު ހަބީބު ވެސް ބަންދު އަމުރެއްގައި ފާހަގަކުރެއްވި ގޮތުގައި މި ބާވަތުގެ މައްސަލަ ވަރަށް އާންމެވެ. އަދި އެފަދަ ހާލަތުގައި ތިބޭ މީހުން ކޮންމެ ފަހަރަކު ކުށެއް ކުރާއިރަށް ކުޑަ މުއްދަތަކަށް ބަންދުކޮށް، ބަންދުން ދޫކުރާއިރަށް އަލުން އެ ފަދަ މައްސަލައެއްގައި ހައްޔަރުކުރުން ވެސް އާންމެވެއެވެ. އަދި ޕީނަލް ނިޒާމު، ނުވަތަ ޕީނަލް ކޯޑުގެ މައިގަނޑު ބޭނުމަކީ މީހުން އިސްލާހުކުރުން ކަމަށްވީނަމަވެސް އެދެވޭ ނަތީޖާއެއް މިހާރުގެ ނިޒާމުން ނުފެންނަކަމަށް ގާޒީ ފާހަގަކުރެއްވިއެވެ. ވައްކަމުގެ މައްސަލަތައް އާންމުއިރު އެ ކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ