މި ސަރުކާރުން އެއްވެސް ކަމެއް ތަރުތީބުން ކުރަމުން ނުދޭ: ސޯލިހު މި ސަރުކާރުން އެއްވެސް ކަމެއް ތަރުތީބުން ކުރަމުން ނުދޭ: ސޯލިހު

މި ސަރުކާރުން އެއްވެސް ކަމެއް ކުރުމުގައި ތަރުތީބެއް ނެތް ކަމަށާއި ކަންކަން ކުރަމުން ދަނީ އެ ވަގުތަ ކުރަން ޖެހުމުން ކުރާ އުސޫލުން ކަމަށް ވިދާޅުވެ މި ސަރުކާރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ތަރައްގީކުރި "ހިރިވެލި" ބީޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިހު ވަނީ ލާމަރުކަޒީ ނިޒާމު މުޅިން ނެތިކޮށްލުމަށް މި ސަރުކާރުން ގާނޫނުތައް ބަދަލުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ބާރުތައް މުށުތެރެއަށް ލައި، ހަމައެކަނި ކަން ކުރާ މީހަކީ ތިމަންނަ ކަމުގައި ދެކިގެން މަސައްކަތްކުރާތަން މިއަދު މި ފެންނަނީ. މިއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.
ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުދާ ކަމަށާއި ދެއްކެވީ"ހުސް ވާހަކަތަކެއް" ކަމަށް ސޯލިހު ވިދާޅުވި އެވެ. މުއިއްޒުގެ ސަރުކާރަށް އެއްވެސް ނަތީޖާއެއް ނުދެއްކޭ ކަމަށް ސޯލިހު ވިދާާޅުވި އެވެ.
"ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަށް ބަލައި މި ސަރުކާރަށް ކުރިއަށް އޮތް ދުވަސްތަކު ތެރޭ މާ ގިނަ މަސައްކަތްްތަކެއް ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަނެއްކާ ވެސް މި ދައްކަނީ ތަކުރާރުކޮށް އެއް ވައުދުތަކެއްގެ ވާހަކަ،" އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ރައީސްކަން ކުރެއްވި ސޯލިހުގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒުކުރެއްވި އެވެ.
މާލިއްޔަތު ގާނޫނާއި ގަވާއިދުތައް ބަދަލުކޮށްގެން ބޭނުން ބަޔަކަށް ސަރުކާރުން ބަހާލި 206 ޕްރޮޖެކްޓުގެ ތެރެއިން 80 ޕަސެންޓަށް ވުރެ ބޮޑު އަދަދެއްގެ ޕްރޮޖެކްޓުގައި އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން އިންތިހާބު ކުރަންވީ ރައްޔިތުންނާ އެކުގައި މަސައްކަތް ކުރެވޭނެ ފަދަ ކެންޑިޑޭޓުން ކަމަށް ސޯލިހު ވިދާޅުވި އެވެ. އެއީ ރައްޔިތުން ވިސްނާވަޑައިގެން ނިންމަން ޖެހޭ ނިންމުމެއް ކަމަށް ސޯލިހު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ